ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފި އެވެ.
ފުވައްމުލަކުގެ ގެތަކަށް ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ދެމުންދާ ސަޕްލައި ފެން ތަޣައްޔަރުވެ، އެ ރަށުގެ ރައްޔިތުންނަށް ސާފު ބޯފެން ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.
މިކަމާ ގުޅިގެން ފުވައްމުލައް ސިޓީ ފެނަކަ އޮފީހުން ހޯމަ ދުވަހު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ފެނުގެ ނެޓްވޯކް ސާފު ކުރުމަށްޓަކައި ހައި ޑޯޒެއްގެ ކުލޮރިން ފެނުގެ ނެޓްވޯކަށް އިންޖެކްޓް ކުރަމުން އަންނަ ކަމަށެވެ. އެހެން ކަމުން މިވަގުތު ފެން ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، ފެން ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. އެ އެންގުމުގައި އިތުރަށް ބުނެފައި ވަނީ ނެޓްވޯކު ސާފުކުރުމުގެ މަސައްކަތް ނިމުމުން އެކަން އިއުލާނު ކުރެވޭނެ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަޕްލައި ފެނުުގައި މައްސަލަތަކެއް އުޅޭކަން އެނގޭތާ އެތައް ދުވަހެއްވީ އިރު ވެސް، އެމައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ފެނަކަ ކޯޕަރޭޝަން ނުކުޅެދި، ފުވައްމުލަކުުގެ ގޭބިސީ ތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ އަަސާސީ ހައްގަކުން މަހުރޫމު ކުރެވިފައި ކަމަށެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރި ކުރުމާއި، ޚިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލް ވެފައި ކަމަށެވެ. މިއީ ދެއްކުންތެރިކަން އިސްކުރާ ނާގާބިލް ސަރުކާރެއްކަން އަންނަނީ ފަޅާ އަރަމުން ކަމަށް އޭނާ ވިދާޅުވި އެވެ. ފުވައްމުލަކާއި އަދި އެހެން ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގައި ވެސް ކެނޑިނޭޅި މިފަދަ މައްސަތައް އިތުރުވަމުން ފުނިޖެހެމުން ދާއިރު ސަރުކާރު އޮތީ ނިދާފައިތޯ ޝާހިދު ސުވާލު އުފެއްދެވި އެވެ.
ޝާހިދު ވަނީ ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ހަ ގަޑިއިރުގެ ތެރޭގައި ކުރިއެކޭ ވެސް އެއްގޮތަށް ފުވައްމުލަކަށް ފެނުގެ ހިދުމަތް ލިބޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ފުވައްމުލަކުގެ ވޯޓާ ސަޕްލައިއަށް ދިމާވި މައްސަލަ ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެޕާޓްމަންޓަކުން 17 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި
މާސްޓާ ކާޑުން ބީއެމްއެލްގެ އަގުވަޒަންކޮށްފި
ރަސްމާލެއިން 15،000 ގޯތި ދިނުމަށް ހުޅުވާލަނީ