ފަލަސްތީނުގެ ގާޒާގެ ކުރިމަގު ބައްޓަން ކުރެވިދާނެ ގޮތްތައް ބަޔާންކޮށް، ރަޝިޔާއިން ވެސް ޔޫއެންގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ގާޒާގެ ކުރިމަގާ ގުޅޭ ގޮތުން ރަޝިޔާއިން ގަރާރެއް ހުށަހަޅާފައި މި ވަނީ، އެ ކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން ރަޝިޔާގެ ހުށަހެޅުމަކީ ޓްރަމްޕަށް ރައްދު ދިނުމުގެ ގޮތުން ހުށަހަޅާފައިވާ ގަރާރެއްގެ ގޮތުގައި ސިފަކުރެވެ އެވެ.
ގާޒާގެ ކުރިމަގު ބައްޓަން ކުރާނެ ގޮތަކާ ގުޅޭ ގޮތުން އެމެރިކާއިން އދ. ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އަދި، އެ ގަރާރު ފާސް ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ދަނީ އެ މަޖިލީހަށް ބާރު އަޅަމުންނެވެ. އެމެރިކާގެ ހުށަހެޅުމަށް މެދުއިރުމަތީގެ ބާރުތަކުން ތާއީދު ކުރާ ކަމަށް ވޮޝިންގްޓަނުން އަންނަނީ ބުނަމުންނެވެ.
އެމެރިކާގެ ގަރާރުގައި ހުށަހަޅާފައި އޮތީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ގާޒާގައި ވެރިކަން ކުރާނެ އިންތިގާލީ ނިޒާމެއް ގާއިމު ކުރުމަށެވެ. އަދި، އަމަން ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ފައުޖެއް ފޮނުވުމަށެވެ. އޭގެ އިތުރުން ގާޒާއާ ގުޅޭ ހުރިހާ ނިންމުމެއް ނިންމާނީ ޓްރަމްޕް އެކުލަވާލައްވާ ސުލްހައިގެ ބޯޑަކުން ކަމަށް ވެސް އެމެރިކާގެ ގަރާރުގައި ހުށަހަޅާފައިވެ އެވެ.
އޮކްޓޫބަރު7، 2023 ވަނަ ދުވަހުން ފެށިގެން ގާޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ގަތުލުއާންމު ނިމުމަކަށް ގެނެސްފައި ވަނީ ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ. ދެ އަހަރު ދުވަހަށް ދެމިގެން ދިޔަ ގަތުލުއާންމުގައި ޔަހޫދީން ވަނީ ގާޒާގެ 68,000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލާފަ އެވެ.
އެ ޖަރީމާތައް ޔަހޫދީން ހިންގާފައި ވަނީ އެމެރިކާގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކު އެވެ. އަދި، އަސްކަރީ އެހީތެރިކަމާ އެކު، އެމެރިކާއިން މެދުކެނޑުމެއް ނެތި ފޮނުވަމުން ދިޔަ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ. ގާޒާގެ ރައްޔިތުންނަށް ޔަހޫދީން ލާއިންސާނީ އަނިޔާތައް ދީ، އެ މީހުންނާ ދެކޮޅަށް ހަނގުރާމައިގެ ކުށްތައް ހިންގާފައި ވަނީ އެމެރިކާގެ ސަރުކާރަށް އެނގިގެންނެވެ.
ގާޒާގެ ކުރިމަގާ ގުޅޭ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅަމުން ރަޝިޔާއިން ބުނީ، އެއީ އެމެރިކާގެ ހުށަހެޅުން އަސްލަކަށް ބަލައިގެން އެކުލަވައިލާފައިވާ އައު ހުށަހެޅުމެއް ކަމަށެވެ. ނަމަވެސް، ރަޝިޔާގެ ގަރާރުގައި އިސްކަން ދީފައި ވާނީ އެންމެންނަށް އެއްބަސްވެވޭ ފަދަ ހަމަހަމަ، އަދި ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ ސިޔާސަތުތަކެއްގެ މަތިން ގާޒާގެ ކުރިމަގު ބައްޓަން ކުރުމަށް ކަމަށް ރަޝިޔާއިން ބުންޏެވެ. އަދި، ގަރާރުގެ މައިގަނޑު މަގްސަދަކީ، ގާޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ދެމެހެއްޓެނިވި ގޮތެއްގައި ނިމުމެއް ގެނައުން ކަމަށް ވެސް މޮސްކޯން ބުންޏެވެ.
ރަޝިޔާގެ ގަރާރުގައި ގާޒާގައި ހަމަޖެހުން ގާއިމުކޮށް، އަމަން ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ސުލް ހަބަލަހައްޓާ ފައުޖެއް އެކުލަވައިލުމުގެ ޒިންމާ މަތިކޮށްފައި ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މައްޗަށެވެ. އަދި، އެމެރިކާގެ ހުށަހެޅުމާ ހިލާފަށް، ގާޒާގެ ކަންކަމާ މެދު ބަސްބުނާނެ ވަކި ބޯޑެއް އެކުލަވައިލުމަށް ހުށަހަޅާފައެއް ނުވެ އެވެ.
އެމެރިކާއިން ދެކޭ ގޮތުގައި ރަޝިޔާގެ ގަރާރަކީ އިތުރަށް ހަމަނުޖެހުން އުފެއްދުމުގެ ނިޔަތުގައި ހުށަހަޅާފައިވާ ގަރާރެކެެވެ.
ފުވައްމުލަކަށް ފެން ދޫކުރިއިރު މީޓަރުގައި ސީލް އަޅުވާފައި!
ސަލްމާން ނޫނެކޭ ބުނި ގިނަ ފިލްމުތައް ޝާހްރުކް ޚާންއަށް!
ޕްލާންޓުން ދޫކުރާ ފެނުގެ ރައްކާތެރިކަން ޔަގީނެއް ނޫން