އެމެރިކާގައި 2021 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ މީހުންތަކެއް ޔޫއެސް ކެޕިޓޮލްގައި ހިންގި ހަމަނުޖެހުންތައް ހިންގަން ޓްރަމްޕް ހިތްވަރުދިން ކަމަށް ދޭހަވާ ގޮތަށް އެޑިޓް ކޮށްގެން ބީބީސީގެ ޑޮކިއުމެންޓަރީއެއްގައި ދައްކާފައިވާ ކްލިޕެއްގެ މައްސަލައިގައި ޓްރަމްޕުގެ ފަރާތުން އެ ކުންފުންޏާ ދެކޮޅަށް ފަސް ބިލިއަން ޔޫއެސް ޑޮލަރުގެ ދައުވާއެއް ކުރާނެކަމުގެ އިންޒާރުދީފި އެވެ.
ޓްރަމްޕުގެ ގާނޫނީ ޓީމުން ބީބީސީއަށް ފޮނުވި ސިޓީއެއްގައި ވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ހަފްތާއަކަށް ވެފައިވަނިކޮށް ނެރުނު ޕެނެރޯމާ ޑޮކިއުމެންޓަރީއެއްގައި ޓްރަމްޕުގެ އަގު ވެއްޓޭ ގޮތަށް ގެނެސްދީފައިވާ ދޮގު މައުލޫމާތުތައް އެ ޑޮކިއުމެންޓަރީން ނެގުމަށް އަންގާފަ އެވެ. އަދި މި މަހުގެ 14 ގެ ކުރިން އުނިކުރި ބައިތައް އަލުން އިޔާދަ ނުކޮށްފި ނަމަ އެމެރިކާގެ ފްލޮރިޑާގައި، ފަސް ބިލިއަން ޑޮލަރުގެ ދައުވާއެއް އުފުލާނެކަމުގެ އިންޒާރު، މި ސިޓީގައި ދީފައިވެ އެވެ.
"އަހަރެމެން އެމީހުންގެ (ބީބީސީ) ގެ މައްޗަށް ދައުވާ ކުރާނީ ބިލިއަނާއި ފަސް ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް، ފަހަރެއްގައި އަންނަ ހަފްތާގެ ކޮންމެ ވެސް ދުވަހަކުން. އަހަރެންނަށް ހީވަނީ އެކަން ކުރަން ޖެހޭނެހެން. އެމީހުން މަކަރު ހަދާފައިވާ ކަމަށް ވެސް ވަނީ އެއްބަސްވެފައި،" ޓްރަމްޕް ވިދާޅުވި ކަމަށް ސިޓީގައިވެ އެވެ.
ބައިނަލްއަގްވާމީ ހަބަރު ފަތުރާ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، "ޓްރަމްޕް އަ ސެކަންޑް ޗާންސް" ގެ ނަމުގައި ބީބީސީން ގެނެސްދީފައިވާ މި ޑޮކިއުމެންޓަރީގައި ހިމެނިފައިވާ ޓްރަމްޕުގެ ވާހަކަތައް އެޑިޓުކޮށްފައި ވާތީ، ޑޮކިއުމެންޓަރީގެ ޕްރޮޑިއުސަރުންނަށް ފާޑުކިޔާ ފޮނުވާފައިވާ އިންޓާނަލް މެމޯއެއް ލީކުވި ހިސާބުން މި ޑޮކިއުމެންޓަރީ އޮތީ ހޫނުފެނަށް ވެއްޓިފަ އެވެ.
ބީބީސީގެ ސްޓޭންޑަޑްސް ކޮމިޓީގެ ކުރީގެ އެޑްވައިޒަރު މައިކަލް ޕްރެސްކޮޓް ލިޔެފައިވާ މި މެމޯގައި ވަނީ ޓްރާންސް ޖެންޑާ ކޮމިޓީގެ ކަވަރޭޖް ކުޑަކުރުމުގެ އިތުރުން ބީބީސީގެ އަރަބި ޗެނަލްގައި އިޒްރޭލާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
މި ޑޮކިއުމެންޓަރީން ފެންނަ ގޮތުގައި ޓްރަމްޕު ވަނީ އޭނާ 2021 ވަނަ އަހަރުގެ އިންތިހާބުން ބަލިވުމުން އޭނާގެ ސަޕޯޓަރުން ޔޫއެސް ކެޕިޓަލް ރެއިޑުކުރަން ގޮވާލާ، ވަރުގަދައަށް ހަނގުރާމަ ކުރަން ގޮވާލާފަ އެވެ. ނަމަވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މިއީ ޓްރަމްޕުގެ ވާހަކައިގެ އެކި ހިސާބުތަކުން ނަގާފައިވާ ކްލިޕްތަކެއް އެއްކޮށްގެން ހަދާފައިވާ ކްލިޕެކެވެ.
މިމައްސަލަ ފެންމަތިވުމާއެކު ބީބީސީގެ ޑިރެކްޓަ ޖެނެރަލް ޓިމް ޑޭވީގެ އިތުރުން ހެޑް އޮފް ނިއުސް ޑެބޮރާ ޓާނެސް ވަނީ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާދީފަ އެވެ. އެއާއެކު ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ ބީބީސީގެ މަތީ ފަންތީގައި ތިއްބެވީ ކޮރަޕްޓް، އަދި ހިޔާނާތްތެރި ބައެއް ކަމަށް ވިދާޅުވެފަ އެވެ.
މިކަމާ ގުޅޭ ގޮތުން، ބީބީސީގެ ޗެއާ ސަމީރު ޝާހު ވަނީ އެ ކްލިޕުން ހަގީގަތް އޮޅޭ ކަމަށް އެއްބަސްވެ، ނަމަވެސް އެކުންފުނި ވަކި ކޮޅަކަށް ޖެހޭގޮތަށް ހަބަރުތައް ގެނެސްދޭ ކަމަށް އިންކާރުކޮށްފަ އެވެ.
ބީބީސީ އާ ދެކޮޅަށް ފަސް ބިލިއަން ޑޮލަރުގެ ދައުވާއެއް ކުރާނެ ކަމުގެ އިންޒާރު ޓަރަމްޕް ދީފައިވާއިރު، މީގެ ކުރިން ވެސް ޓްރަމްޕަށް ފާޑުކިޔާ މީޑިއާތަކާ ދެކޮޅަށް އެކި ކަހަލަ ފިޔަވަޅުތައް ވަނީ އަޅާފަ އެވެ. އެގޮތުން "ދަ ނިއު ޔޯކް ޓައިމްސް" އަދި "ވޯލް ސްޓްރީޓް ޖާނަލް" އިން ޓްރަމްޕުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ، އެންޕީއާރު އަދި ޕީބީއެސްއަށް ފަންޑުކުރުން ހުއްޓާލުމުގެ އިތުރުން އެސޯސިއޭޓަޑް ޕްރެސްގެ ނޫސްވެރިން ވައިޓް ހައުސް ޕްރެސް ޕޫލުން ބޭރުކުރުން ފަދަ ކަންކަން ހިނގާފައިވެ އެވެ.
މީޑިއާ ކޮމިޝަނުގެ އެސްޖީއަކަށް ހަމްދީ އައްޔަންކޮށްފި
ކުށްވެރިއަކުން އިއްޒަތްތެރިއަކަށް!
މުސާރަ ކުޑަކަމުން މުވައްޒަފުން ހަރުނުލާ: މީރާ