ކަނޑައެޅިފައި ވަކި ޝަރުތުތަކެއް ހުއްޓަސް ވަކި ބަޔަކަށް އިސްކަންދޭންޖެހޭގޮތް ފްލެޓް ދިނުމުގެ އުސޫލު ހައުސިން މިނިސްޓްރީން ގެޒެޓްކޮށްފި އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ފްލެޓް ދިނުމުގެ އުސޫލުގައިވާގޮތުން ދެ ވައްތަރެއްގެ ފްލެޓް ދޫކުރާނެ އެވެ.

އެފޯޑަބަލް ހޯމް އޯނާޝިޕް މޮޓެލް ބޭންކު މެދުވެރިކޮށް ފްލެޓް ގަތުމުގެ ތަނަވަސްކަން ހުރި މީހުންނަށް ފްލެޓް ދޫކުރާ އުސޫލެވެ. ރެންޓް ޓު އޯން މޮޑެލް އަކީ ދިގު މުއްދަތުގައި ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން ސޯޝަލް ހައުސިން ފްލެޓްތައް ދޫކުރުމުގެ އުސޫލެވެ.

މި ދެ މޮޑަލްއަށް ވެސް ކަނޑައަޅާފައިވާ އަސާސީ ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރަށްވެއްސެއް ނޫންނަމަ މާލޭގައި 15 އަހަރު ދިރިއުޅެފައިވާ މީހަކަށް ވާންޖެހެ އެވެ.

ރެންޓް ޓު އޯން މޮޑެލް ގެ ދަށުން ދޫކުރާ ފްލެޓްތަކަށް ޝަރުތުހަމަވަނީ 60،000 އަށްވުރެ އާމްދަނީ ދަށްވާ ފަރާތްތައް އެކަންޏެވެ.

ފޯމް ހުށަހަޅާއިރު، ލިބޭ އާމްދަނީގެ ތަފްސީލާއި ވަޒީފާ އަދާކުރާނަމަ، އަދާކުރާ ވަޒީފާ އާއި ލިބޭ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލް ހުށަހަޅަންޖެހެ އެވެ. އަދި ބޭންކު ސްޓޭޓްމަންޓް ވެސް ހުށަހަޅަންޖެހެ އެވެ.

އެ އުސޫލުގައި ކަނޑައަޅާފައިވާ ވަކި ފަރާތްތަކަކަށް ފްލެޓް ދިނުމުގައި ހާއްސަ އިސްކަމެއް ދޭންޖެހޭނެ ކަމަށް ވެސް ހިމަނާފައިވެ އެވެ.

އިސްކަންދޭންޖެހޭ ފަރާތްތައް

  • 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް
  • އަލަތު ކައިވެނިކުރާ ފަރާތްތައް / އާއިލާތައް
  • ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް (އެ މީހަކީ މާލޭގައި އާއިލާ ބިނާކޮށްފައިވާ މީހަކަށް ވާންޖެހޭ)
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޝަރުއީ ދާއިރާގެ މުވައްޒަފުން
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް
  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމް ވެފައިވާ ފަރާތްތައް
  • ވެށިފަހި މާލެ އާއި ހިޔާ މަޝްރޫއުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، އެ ލިޔުމާއެއްގޮތަށް ފްލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް
  • ފަގީރު ކަމުގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ދައުލަތުން ކަނޑައަޅާ ފަރާތްތައް
  • މިނިސްޓްރީން އާންމުކޮށް އަންގައި އިއުލާންކުރާ އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުން