ސްރީ ލަންކާގެ ދެކުނު ކަނޑުގެ ސަރަހައްދުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަދި ހަތިޔާރާއި އެކު ދަތުރުކުރި މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި އެވެ.

ބުރާސްފަތި ދުވަހު އަތުލައިގަތް މި ބޯޓު މިހާރު ލަންކާގެ ބަނދަރަށް ގެންގޮސްފައިވާއިރު، މި ބޯޓުގައި 115 ކިލޯގެ ހެރޮއިން އާއި 261 ކިލޯގެ ކްރިސްޓަލް މެތު ހުރިކަމަށް އެ ގައުމުގެ ނޭވީ ސިފައިން ބުނެ އެވެ.

ސިފައިން ބުނީ މި ތަކެތި ހުރީ ފަސް ބަސްތާގައި ކަމަށާއި ވަކިވަކި 200 ޕެކެޓް އޭގެ ތެރޭގައި ހުރި ކަމަށެވެ. މި ތަކެތި ހުރި ބޯޓުގައި ތިބި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި އެންމެންނަކީ ވެސް ލަންކާ އަށް ނިސްބަތްވާ މީހުންކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ލަންކާގެ ނޭވީ ސިފައިން ބުނީ މި ބޯޓުން ފިސްތޯލައަކާއި ރިވޯލްވާއަކާއި އޭގައި ބޭނުންކުރާ ދެ މެގަޒިން ވެސް ފެނުނު ކަމަށެވެ. އަދި މުއާސަލާތުކުރުމަށް ބޭނުންކުރި ސެޓެލައިޓް ފޯނު ވެސް ވަނީ ފެނިފަ އެވެ.

މަސްތުވާތަކެތި އަތުލައިގަތީ މަސްބޯޓެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ކަނޑުގެ ސިފައިންނަށް ލިބުނު ޖާސޫސީ މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/reel/DRTieRKivPY/

ލަންކާ ފުލުހުން ތުހުމަތުކުރާ ގޮތުގައި މިއީ ރާވައިގެން ޖަރީމާތައް ހިންގާ އުނަކުރުވޭ ސަންތާ ނަމަކަށް ކިޔާ މީހެއްގެ ތަކެއްޗެވެ.

ކަނޑުމަގުން ލަންކާއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެެއްގެ މަސްތުވާތަކެތި އެ ގައުމުން ވަނީ މި ފަހުން އަތުލައިގެންފަ އެވެ.