މާލޭ މޭޔަރަކަށް، ރައީސް މުހައްމަދު މުއިއްޒު ހުންނެވިއިރު، 2023 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރާ ދޭތެރޭގައި، ސީއެސްއާރުގެ ނަމުގައި ގަނޑުކޮށް ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު، އަލިމަސް ކާނިވާ ސަރަހައްދުން 10 ބިމެއް އަމިއްލަ ފަރާތްތަކަށް ކުޑަ އަގެއްގައި ބަހާލާފައިވާކަން ހާމަވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާލޭ ސިޓީ ކައުންސިލުން އާންމުކުރި މާލެ އާއި ވިލިމާލެއިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުން މިކަން ވަނީ ހާމަވެފަ އެވެ. ސީއެސްއާރުގެ ގޮތުގައި ގަނޑުކޮށް ފައިސާ ދައްކަންޖެހޭ ގޮތަށް ބިންތައް ސިޓީ ކައުންސިލުން ދޫކުރީ އަލަށެވެ. އެއީ ކުރިން ދުވަހަކު ވެސް ކުރިކަމެއް ނޫނެވެ. އެކަން ކުރީ ރިޔާސީ އިންތިހާބުގެ ދެބުރު ދޭތެރޭގަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވީ ސެޕްޓެމްބަރު 9، 2023 ގަ އެވެ. އަދި ދެ ވަނަ ބުރު ބޭއްވީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ކާނިވާ ސަރަހައްދުން ބިންތައް ދޫކޮށްލީ، ސީއެސްއާރުގެ ގޮތުގައި 300،000ރ. ނުވަތަ 500،000ރ. ނެގުމަށް ފަހު އެވެ. އެ ފައިސާ ނެގީ ކީއްކުރަން ކަމާއި އެ ފައިސާ ބޭނުންކުރިގޮތެއް ވެސް އެނގޭކަށް ނެތެވެ.

ވިޔަފާރީގެ އުސޫލުން މާލެއިން ބިމާއި އިމާރާތްތައް ކުއްޔަށް ދޫކުރާ އަގަށް ވުރެ އެތައް ގުނައެއް ހެޔޮކޮށް ކާނިވާ ސަރަހައްދުން ބިންތައް 20 އަހަރަށް ދޫކޮށްލީ އެވެ. އެކަމަކު މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ހިލޭ ގޯތި ދިނުމުން ޕީއެންސީގެ އެކި ބޭފުޅުން އޭރު ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް ބަހާލި ބިންތައް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 އަދި 28 ވަނަ ދުވަހު އެވެ. ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އޮތީ ސެޕްޓެމްބަރު 30ގަ އެވެ.

މުއިއްޒުގެ މޭޔަރު ކަމުގައި ރިޔާސީ އިންތިހާބުގެ ތެރޭގައި ބަހާލި ބިންތައް

  • ޓީ އެންޑް ސީ ޕްރައިވެޓް ލިމިޓެޑް (2026 އަކަފޫޓު) - މަހު ކުލި: 20،260ރ.
  • ކޮކޯ ވޭވްސް ޕްރައިވެޓް ލިމިޓެޑް (1000 އަކަފޫޓު) - މަހު ކުލި: 11،200ރ.
  • ވެންޑަލިސްޓް ޕްރައިވެޓް ލިމިޓެޑް (668 އަކަފޫޓު) - މަހު ކުލި: 7،515ރ.
  • ޖެެދާ ވެންޗާސް އެލްއެލްބީ (1000 އަކަފޫޓު) - މަހު ކުލި: 9،000ރ.
  • ޖެދާ ވެންޗާސް އެލްއެލްޕީ (1000 އަކަފޫޓު) - މަހު ކުލި: 9،000ރ.
  • ޗޮކްލެޓު ބްރަދާސް ޕްރައިވެޓް ލިމިޓެޑް (1550 އަކަފޫޓު) - މަހު ކުލި: 17،050ރ.
  • ސޭލްސްކޯ ޕްރައިވެޓް ލމިޓެޑް (2026 އަކަފޫޓު) - މަހު ކުލި: 10،000ރ.
  • ގްރޭންޑް ސޮޖޯރން ޕްރައިވެޓް ލިމިޓެޑް (775 އަކަފޫޓު) - މަހު ކުލި: 8،525ރ.
  • އެމްއެން ޖީން ޕްރައިވެޓް ލިމިޓެޑް (2604 އަކަފޫޓު) - މަހު ކުލި: 26،040ރ.
  • ޕްލެންޓު ފިޝް ޕްރައިވެޓް ލިމިޓެޑް (775 އަކަފޫޓު) - 8،525ރ.
  • ސީއެސްއާރުގެ ގޮތުގައި ދެއްކި ފައިސާޓީ އެންޑް ސީ ޕްރައިވެޓް ލިމިޓެޑް - 500،000ރ.
  • ކޮކޯ ވޭވްސް ޕްރައިވެޓް ލިމިޓެޑް - 500،000ރ.
  • ވެންޑަލިސްޓް ޕްރައިވެޓް ލިމިޓެޑް - 500،000ރ.
  • ޖެެދާ ވެންޗާސް އެލްއެލްބީ - 300،000ރ.
  • ޖެދާ ވެންޗާސް އެލްއެލްޕީ - 300،000ރ.
  • ޗޮކްލެޓު ބްރަދާސް ޕްރައިވެޓް ލިމިޓެޑް - 500،000ރ.
  • ސޭލްސްކޯ ޕްރައިވެޓް ލމިޓެޑް - 500،000ރ.
  • ގްރޭންޑް ސޮޖޯރން ޕްރައިވެޓް ލިމިޓެޑް - 300،000ރ.
  • އެމްއެން ޖީން ޕްރައިވެޓް ލިމިޓެޑް 500،000ރ.
  • ޕްލެންޓު ފިޝް ޕްރައިވެޓް ލިމިޓެޑް - 300،000ރ.

މީގެ އިތުރުން ކެފޭ ރެސްޓޯރެންޓު، ގުދަން ހިމެނޭ ގޮތަށް ވިއްސަށް ވުރެ ގިނަ ބިން ބީލަމަށް ނުލައި މުއިއްޒުގެ މޭޔަރު ކަމުގައި ވަނީ ކާނިވާ ސަރަހައްދުން ބަހާލާފަ އެވެ.

މާލެ ސިޓީ ކައުންސިލުން އާންމުކުރި ބިންތައް ދޫކޮށްފައިވާ ގޮތުގެ ތަފުސީލީ ލިސްޓުން އެނގޭ ގޮތުގައި މުއިއްޒުގެ މޭޔަރުކަމުގައި، މާލެ ސިޓީ ކައުންސިލުގެ 157 ބިމުގެ ތެރެއިން 63 ބިން ކުއްޔަށް ދީފައިވެ އެވެ. އެއީ ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ 40 ޕަސެންޓެވެ.

އޭގެތެރޭގައި ކާނިވާ ސަރަހައްދާއި އާޓިފިޝަލް ބީޗު އަދި ރަސްފަންނު ސަރަހައްދުގައި ޓަކްޝޮޕާއި ރެސްޓޯރެންޓު ހިންގަން ދޫކޮށްފައިވާ ބިންތަކާއި ދާރުލްއާސާރު ކުރިމަތީގައި އޮންނަ ހިއްތަން މައިޒާނުގެ އިތުރުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ލެޑް ޕެނަލްތައް ވެސް ހިމެނެ އެވެ.

ވިލިމާލެ ބޯޅަ ދަނޑު ވެސް ވަނީ ބަޔަކަށް ކުއްޔަށްދީފަ އެވެ.