ބޮލީވުޑްގެ ނަން މަޝްހޫރު ތަރި ތަބައްސުމް ފާތިމާ ހަޝްމީ (ތާބޫ) އަކީ ބޮލީވުޑްގައި ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ހުނަރުވެރި ތަރި އެކެވެ. ފިލްމީ މަސައްކަތްތަކުގެ އިތުރުން އޭނާގެ ޒާތީ ދިރިއުޅުމަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެ އެވެ.

ތާބޫގެ ރީތިކަމުންނާއި، އެކްޓު ކުރުމުގެ ހުނަރުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާއިރު، އޭނާގެ ހިތް ތިރިކަމާއި މަޑުމައިތިރިކަމަކީ ވެސް އާންމުން އޭނާގެ ސިފަތަކުގެ ތެރެއިން ލޯބިކުރާ ސިފަތަކެކެވެ.

އެހެންނަމަވެސް ތާބޫގެ ސަޕޯޓަރުންނަށް އޭނާއާ ގުޅިގެން އެންމެ ބޮޑަށް އޮޅުން އަރާ ހަގީގަތަކީ، ތާބޫ އޭނާގެ ބައްޕަ ޖަމާލް ހާޝްމީގެ ވާހަކަ ދެއްކުމަށް ދެކޮޅު ހެދުމެވެ.

ތާބޫގެ އަސްލު ނަމަކީ ތަބައްސުމް ފާތިމާ ހާޝްމީ ނަމަވެސް، ދުވަހަކު ވެސް އޭނާގެ ބައްޕަގެ ނަން ފަހަތަށްލައިގެން ނުކިޔާކަން އާންމުންނަށް ފާހަގަވެފައިވެ އެވެ.

މިކަމާ ގުޅިގެން މީޑިއާއާ ވާހަކަ ދައްކަމުން އޭނާ ވަނީ އޭނާގެ ދިރިއުޅުމާ ގުޅޭގޮތުން ބައެއް ޒާތީ ވާހަކަތައް އާންމުންނާ ހިއްސާކޮށްފަ އެވެ.

އެގޮތުން އޭނާއަށް ތިން އަހަރު ފުރުނު އަހަރު ތަބޫގެ ބައްޕަ އެހެން ކައިވެންޏެއް ކޮށް، ޒަވާޖީ ހަޔާތެއް ފެށިކަމަށް އޭނާ ބުނެފައިވެ އެވެ. އެއާއެކު ތަބޫ ބޮޑުވީ، އޭނާގެ މަންމަ ރިޒްވާނާ ހާޝްމީއާ އެކުގައި ކަމަށާއި، ތަބޫއަށް އޭނާގެ ބައްޕަ އަކީ އެހާ މުހިންމު މީހެއް ނޫންކަމަށް އޭނާ ބުނެފައިވެ އެވެ.

އެހެން ކަމުން މިހާރު އޭނާގެ ނަމުގެ ފަހަތަށް ބައްޕަގެ ނަން ލުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ތަބޫ ބުނެފައިވެ އެވެ.

ތަބޫ ބޮލީވުޑަށް ތައާރަފްވީ 1985 ވަނަ އަހަރު އެވެ. އޭނާ އެންމެ ފުރަތަމަ ފެނިގެންގޮސްފައިވަނީ ދޭވް އާނަންދުގެ ފިލްމު "ހަމް ނޯޖަވާން" ގައި ފުރާވަރު އަންހެން ކުއްޖެއްގެ ރޯލަކުންނެވެ.