ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު ގެޓަގަރީތަކުގެ ތެރެއިން މިހާތަނަށް ގުރުއަތުލުން ނުބާއްވާ ކެޓަގަރީތަކުގެ ގުރުއަތު ނެގުން އަންނަ އާދިއްތަ ދުވަހު ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓ ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މީގެ ކުރިން ކުރިއަށް ގެންދިޔައީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ގުރުއަތުނެގުން އެކަންޏެވެ.

އެޗްޑީސީ އިން ބުނީ ހިޔާ ފްލެޓުތައް ލިބުނު މީހުންގެ ތެރެއިން ލިބެނީ ކޮން ފްލެޓެއްކަން ކަނޑައެޅުމަށް ނަގާ ގުއުއަތު ނެގުމުގެ ދެވަނަ ބުރު 25 އޭޕްރީލް ވަނަ ދުވަހު ފަށާއިރު ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ (H4) ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ (H5) ކެޓަގަރީ އަދި އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ (H6) ގެ އިތުރުން މާލޭ ރަށްވެހިންނަށް ހާއްސަ (H8) އަދި ކައިވެނިކޮށްގެން އުޅޭ އުމުރުން 18 އަހަރާ 41 އަހަރާ ދެމެދުގެ މީހުންނަށް ހާއްސަ (H7) ކެޓަގަރީ އާއި މާލެދަފްތަރު (H9) އަދި ސިވިލް ސާވިސް މުވައްޒަފުްނަށް ހާއްސަ ކެޓަގަރީގެ ކުރުއަތުނެގުން ކުރިއަށް ގެންދާނެ ކަމަށެވެ.

ގުރުއަތު ނެގުން އޮންނާނީ ސަރުކާރު ރަސްމީ ދުވަސްތަކުގައި ދެ ދަންފަޅި އަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅި ހެނދުނު 9:00 އިން މެންދުރު 12 އަށް އަދި ދެވަނަ ދަންފަޅި މެންދުރު 1:00 އިން މެންދުރުފަހު 3:00 އަށް ކުރިއަަށްގެންދަން ވަނީ ނިންމާފަ އެެ.

އެޗްޑީސީން ބުނީ ގުރުއަތު ނަގާނީ ފްލެޓު ލިބޭކަމަށް ސަރުކާރުން ކަނޑައަޅާ، އެޗްޑީސީ އާ ހަވާލުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީކާޑު ނަންބަރު ތަރުތީބުން ކަމަށެވެ.

ކޮންމެ ދުވަހަކުވެސް ގުރުއަތު ނަގާނީ ކަނޑައެޅިފައިވާ ވަކި އަދަދަކަށެވެ. ގުރުއަތު ނެގުމުގެ އެއް ދުވަސްކުރިން ޖެހިގެން އަންނަ ދުވަހު ގުރުއަތު ނަގާނެ ފަރާތްތައް އާންމު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުރުއަތު ނެގުން ކުރިއަށްދާގޮތް ދައުލަތުގެ ޕީއެސްއެމް އިން ލައިވް ކުރާނެ އެވެ.

ހިޔާ ފްލެޓްގެ ގޮތުގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރު ހިމެނޭ ހިޔާ ފްލެޓްތަކުގެ އަގު އިއްޔެ ސަރުކާރުން އިއުލާންކޮށްފައިވާއިރު ދޭން ހަމަޖެހިފައިވަނީ ކުރީ ސަރުކާރުން ދޭން ކަނޑައެޅި އަގަށް ވުރެ ބޮޑުކޮށްނެވެ.

ކުރީ ސަރުކާރުން އެޅި ހިޔާ ފްލެތްތަކުގެ ގުރުއަތުލުން އެޗްޑީސީން މިއަދު ކުރިޔަށް ގެންދަނީ. އެ ރަސްމިއްޔާތު ބައެއް ޓީވީތަކުން ލައިވްކޮށް ދައްކަމުން ދާއިރު، ފްލެޓް ލިބުނު މީހުންނަށް އެކަން މެސެޖަކުން އަންގާނެ ކަމަށް ބުނޭ. ފޮޓޯ: އެޗްޑީސީކުރީ ސަރުކާރުން ހިޔާ ފްލެޓް ދޭން ނިންމާފައިވަނީ 5،600ރ. އަށް ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުމުމެއްގައި ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތައް ޑާއުން ޕޭމެންޓާއި ނުލައި ދޫކުރެވޭނެ އަގަކީ 7،500ރ. އަށް ކަމަށެވެ.

ހިޔާ ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއި ކުރާނެ ތާރީހެއް ނުވަތަ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ. ނަމަވެސް، އަންނަ މަހުގެ ތެރޭގައި ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވި އެވެ.