ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އިންތިޒާމުކޮށްގެން ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަކީ މުޅި ދުނިޔޭގައި ވެސް ބޭއްވޭ އެންމެ އަގުބޮޑު، އަދި އެންމެ ފޯރިގަދަ މުބާރާތެވެ.

ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ވުޖޫދުވެފައި ވަނީ މީގެ 95 އަހަރު ކުރިން، 1930 ވަނަ އަހަރުގަ އެވެ. އެންމެ ފުރަތަމަ މުބާރާތުން ފެށިގެން ވެސް ވޯލްޑް ކަޕް އަށް ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފަ އެވެ.

އޭގެ ތެރެއިން އެއްކަމަކީ މި މުބާރާތް ބާއްވާ ގައުމު، ނުވަތަ ހޮސްޓް ގައުމުތަކަށް އިގްތިސާދީ ބޮޑެތި ކުރިއެރުންތަކެއް ލިބުމެެވެ. ކޮންމެ ހަތަރު އަހަރުން އެއްފަހަރު ގައުމެއްގައި މި މުބާރާތް ބާއްވާލިޔަސް މުޅި ގައުމުގެ އިގްތިސާދު ހަރުދަނާވެ، މުއްސަނދިވެގެން ދެ އެވެ. އެހެން ކަމުން މިއީ ވެސް މި މުބާރާތް ވާދަވެރިވާ އެއް ސަބަބެބެވެ. މީގެ އިތުރުން މުބާރާތް ބާއްވާ ގައުމުތަކަށް އެހެން ގޮތް ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެންދެ އެވެ.

ކޮންމެ އަކަސް ވޯލްޑް ކަޕް މުބާރާތަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެންމެ ފޯރިގަދަ މުބާރާތައް ވެފައި އޮތްއިރު، އަންނަ އަހަރު ވޯލްޑް ކަޕް މުބާރާތް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަންނަ އަހަރުގެ މުބާރާތް ބާއްވާނީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގަ އެވެ. މި މުބާރާތާ ގުޅޭ ގޮތުން ވަރަށް ތަފާތު ގިނަ ވާހަކަތަކެއް އަންނަނީ ދައުރުވަމުންނެވެ. އެގޮތުން އެމެރިކާއިން މި މުބާރާތައް ނުފޫޒު ފޯރުވާ ވާހަކައަކީ މިއަދު ދުނިޔޭގެ މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވޭ ވާހަކަ އެވެ.

ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ހަމަ ލޮލުން ބަލާލަން ދާން ބޭނުންވާނެ ވަރަށް ގިނަ ބަޔަކު ދުނިޔޭގައި އުޅޭނެ އެވެ. ނަމަވެސް މުބާރާތުގެ މެޗުތައް ބަލާލަން ބޭނުން ކޮންމެ މީހަކަށް ސްޓޭޑިއަމްތަކަށް ނުވަދެވޭނެ އެވެ. އެއީ މުބާރާތުގެ ޓިކެޓްތައް ވިއްކާ ވަކި ކަހަލަ އުސޫލުތަކެއް ކަނޑައެޅިފައި އޮތުމެވެ.

އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށް މިހާތަނަށް ފުރަތަމަ މަރުހަލާގައި ވެސް ދެ މިލިއަނަނަށް ވުރެ ގިނަ ޓިކެޓް މިހާރު ވެސް ވަނީ ވިއްކާފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން 10 މިލިއަނަށް ވުރެ ޓިކެޓަށް މިހާރު ވެސް ރިކުއުއެސްޓް ކޮށްފައިވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން 104 މެޗަށް ލިބެނީ 7.1 މިލިއަން ޖާގަ އެވެ.

ދެން އޮތް ވާހަކައަކީ މި މުބާރާތުގެ ގިނަ އަދަދެއްގެ ޓިކެޓް ކަޅު ބާޒާރުގައި ވެސް ނުއަގުގައި ވިއްކާ ވާހަކަ އެވެ. އެކަން ވެސް ގިނަ ބަޔަކު އެބަ ކުރެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ވޯލްޑް ކަޕް ޓިކެޓުގެ އަގުތައް ފޭސް ވެލިއުއަށް ވުރެ މާ ބޮޑަށް ވެސް ބޮޑެވެ. އެގޮތުން މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތަކުން ފެށިގެން ފައިނަލް މެޗާއި ހަމައަށް ކަޅު ބާޒާރުގައި ޓިކެޓުގެ އަގުތައް އުޅެނީ 16،500 ޑޮލަރުން މަތީގަ އެވެ.

ކަޅު ބާޒާރުގެ އަގުތައް ބިނާވެފައި ވަނީ މެޗާއި، ލޮކޭޝަނާއި، ގޮނޑި ނުވަތަ ކެޓަގަރީ އާއި، ގަންނަ ވަގުތު ޑިމާންޑްގެ މައްޗަށެވެ. އަދި ވަރުގަދަ، ފޯރިގަދަ މެޗުތަކުގެ ޓިކެޓުގެ އަގުތައް މިއަށް ވުރެ ވެސް މައްޗަށް ވަނީ އުފުލިފަ އެވެ.

މިވަގުތު ކަޅު ބާޒާރުގައި ވިއްކާ ޓިކެޓުގެ އަގުތައް

ގުރޫޕް ސްޓޭޖު މެޗުތަކަށްް ފީފާއިން ޓިކެޓު ވިއްކާ އަގު އުޅެނީ 60 ޑިލަރާއި 700 ޑޮލަރާއި ދެމެދުގެ އަގުތަކުގަ އެވެ. އެހެން ނަމަވެސް ގުރޫޕް ސްޓޭޖުގެ މެޗުތަކަށް ކަޅު ބާޒާރުގައި ޓިކެޓެއްގެ އަގު ފެށެނީ ވެސް 300 ޑޮލަރުންނެވެ. އަދި އެ އަގު މަތިވަމުން ގޮސް 1500 ޑޮަލަރަށް އަރަ އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތަކަށް ފީފާއިން ވިއްކާ ޓިކެޓުގެ އަގުތައް އުޅެނީ 920 ޑޮލަރާއި 2،475 ޑޮލަރާއި ދެމެދުގަ އެވެ. އެހެން ނަމަވެސް ކަޅު ބާޒާރުގައި ޓިކެޓެއްގެ އަގު އުޅެނީ 25،000 ޑޮލަރުން މަތީގަ އެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ޓިކެޓެއް ފީފާއިން ވިއްކަނީ 4،185 ޑޮލަރާއި 8،680 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. ނަމަވެސް ކަޅު ބާޒާރުގައި ފައިނަލް މެޗުގެ ޓިކެޓު އުޅެނީ 16،500 ޑޮލަރާއި 65،000 ޑޮލަރާ ދެމެދުގެ އަގުތަކުގަ އެވެ.

ކަޅު ބާޒާރުން ވަގަށް ޓިކެޓް ގަތުމަކީ ފީފާއިން ހަރުކަށި އަދަބު ކަނޑައަޅާފައި އޮންނަ ކުށެކެވެ. އެ ކުށްކޮށްފި ނަމަ ޓިކެޓް ކެންސަލް ކުރުމާއި، ގާނޫނީ ފިޔަވަޅު އެޅުން ފަދަ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހޭނެ އެވެ.