މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ފެންޓަނިލް ފަނާކުރުވަނިވި ގެއްލުންދޭ ނުރައްކާތެރި ހަތިޔާރުގެ ކެޓަގަރީގައި ހިމަނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.
ޓްރަމްޕުގެ މި ނިންމެވުމާ އެކު ފެންޓަނިލް ހިމެނޭނީ ނިއުކްލިއާ އަދި ކެމިކަލް ހަތިޔާރު ވެސް ހިމެނޭ ކެޓަގަރީގަ އެވެ. ޓްރަމަޕް މިހާރު ވަނީ ފެންޓަނިލް އަކީ ފަނާކުރުވަނިވި ހަތިޔާރެއްގެ ގޮތުގައި ކަނޑައެޅުމުގެ ރިޔާސީ ގަރާރުގައި ވެސް ސޮއިކުރައްވާފަ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް މިހާރު ވެސް ވަނީ ލެޓިން އެމެރިކާގެ ޑްރަގް ކާޓެލްތަކާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރައްވާފަ އެވެ.
ޓްރަމްޕް ވިދާޅުވީ މަސްތުވާތަކެތީގެ ތެރެއިން ބާރުގަދަ ވައްތަރެއް ކަމަށް ވާ "ފެންޓަނިލް" އިން ލިބޭ ގެއްލުން ވެސް ބޮމަކުން ލިބޭ ގެއްލުމަށް ވުރެ ބޮޑުކަމަށާއި އަހަރަކު ދެ ލައްކަ، ތިން ލައްކަ މީހުން މިކަމުގެ ސަބަބުން މަރުވާ ކަމަށެވެ.
އެކަމަކު، ފެންޓަނިލްގެ ސަބަބުން އެމެރިކާގައި މަރުވާ ކަމަށް ޓްރަމްޕް ވިދާޅުވި އަދަދު އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މިދިޔަ އަހަރު ހާމަކޮށްފައިވާ އަދަދާ ދިމައެއް ނުވެ އެވެ. ސީޑީސީން އެންމެ ފަހުން ބުނެފައިވާ ގޮތުގައި އޯވަޑޯޒްވެގެން މިދިޔަ އަހަރު 80،000 މީހުން މަރުވެފައިވާ އިރު، އޭގެ ތެރެއިން 48،000 މީހުން މަރުވީ ސިންތެޓިކް އޮޕިއޮއިޑްގެ ސަބަބުންނެވެ.
ޓްރަމްޕުގެ އަމުރުގައި ބުނެފައި ވަނީ "ގާނޫނާ ހިލާފު ފެންޓަނިލް އަކީ މަސްތުވާތަކެއްޗަށް ވުރެ ކެމިކަލް ހަތިޔާރަކާ ގާތް އެއްޗެއް" ކަމަށާއި އެ ހަތިޔާރު އުފައްދައި ވިއްކުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށާއި މުޅި ސަރަހައްދާއި ގައުމުގައި ގާނޫނާ ހިލާފް އަމަލުތައް އިތުރުވަމުންދާ ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަކީ ނާކޯ- ޓެރަރިސްޓުންގެ ގޮތުގައި ސިފަކުރައްވާ ޓްރަމްޕުގެ މި ނިންމެވުން އައިސްފައި މި ވަނީ ލެޓިން އެމެރިކާގެ ގައުމުތަކުގައި އުޅޭ ޑްރަގް ކާޓެލްތަކާ ދެކޮޅަށް ސެޕްޓެމްބަރު މަހު ހަނގުރާމަ އިއުލާނުކުރެއްވުމަށް ފަހުގަ އެވެ. މަސްތުވާތަކެތި އުފުލާ އުޅަނދުތައް ކަމަށް ޝައްކުވާ އުޅަނދުތަކަށް އެމެރިކާ ސިފައިން ހަމަލާ ދެމުން ގެންދާއިރު އެ ހަމަލާތަކުގައި މިހާތަނަށް 90 މީހަކު ވަނީ މަރުވެފަ އެވެ.
މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފް އަމަލެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވިޔަސް ޓްރަމްޕު ވިދާޅުވެފައި ވަނީ މިހާތަނަށް ވިއްސަކަށް ހަމަލާ ދީފައި ވާއިރު، ގޮއްވާލެވޭ ކޮންމެ ޑްރަގް ޝިޕްމަންޓަކުން އެމެރިކާގެ 25،000 މީހުންގެ ފުރާނަ ސަލާމަތްވާނެ ކަމަށެވެ.
ޓީޓީ ޝިފާއުގެ މައްޗަށް 23 ދައުވާ ސާބިތުވެއްޖެ
24 ގަޑިއިރު ނުވަނީސް ޝައިހްއަށް އެހީ ލިބިއްޖެ
އިންތިހާބަށް ވަޒީފާތައް ބަހާލަން ސެކިއުރިޓީ ޔުނިޓެއް އުފައްދައިފި