ފައިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރި ސާމްޕަލްތަކުން އިތުރު 319 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 108 މީހަކު ޕޮޒިޓިވްވިއިރު، 182 މީހަކު ވަނީ އަތޮޅު ތެރެއިން ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓްތަކުން 21 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން އަށް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 319 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 27،403 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 3،207 ގައި މިހާރު ހުރިއިރު 24،116 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 98 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 71 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް ކޭސްތައް ފެނި މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަކީ އއ. ބޮޑުފޮޅުދޫ، އއ. މަތިވެރި، އދ. މަހިބަދޫ، އދ. މާމިގިލި، ބ. އޭދަފުށި، ހދ. ހަނިމާދޫ، ކ. ހިންމަފުށި، ކ. މާފުށި، ކ. ހުރާ، ކ. ތުލުސްދޫ، ކ. ގުޅި، ޅ. ނައިފަރު، ޅ. ފެލިވަރު، ށ. ޅައިމަގު، ތ. ކިނބިދޫ، ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ތ. އޮމަދޫ، ތ. ވިލުފުށި، ތ. ގާދިއްފުށީގެ އިތުރުން ލ. މާންދޫ އެވެ.