މޮސްކޯ (23 އޭޕްރިލް)- ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ރަޝިއާގެ މައި އިދިކޮޅު ލީޑަރަށް އެދެވިގެންވާ ސިއްހީ ފަރުވާ ލިބުމާއެކު އޭނާ ކުރިއަށް ގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމަން އުޅޭ ކަމަށް ބުނެފި އެވެ.

އިންސްޓާގްރާމް ޕޯސްޓެއްގައި ނަވަލްނީ ބުނެފައިވަނީ އޭނާގެ ހަޅުތާލު މަޑުމަޑުން ނިންމާލާނެ ކަމަށާއި މި ދުވަސްތަކުގައި އޭނާގެ ސަޕޯޓަރުންގެ އިތުރުން ހުޅަނގުގެ ގައުމުތަކުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ނަވަލްނީގެ ވަކީލުންގެ ފަރާތުން އާއްމުކުރި މި އިންސްޓާގްރާމް ޕޯސްޓްގައި އޭނާ ބޭނުންވާ ޑޮކްޓަރަކަށް ދެއްކުމުގެ ފުރުސަތު ނުލިބުނު ކަމުގައިވިޔަސް ދެފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ނަވަލްނީ ވަނީ ބުނެފަ އެވެ.

ރަޝިއާގެ ރައީސް ވްލަޑިމީރް ޕުޓިންގެ އެންމެ ވަރުގަދަ ވާދަވެރިޔާ ކަމަށްވާ ނަވަލްނީއަށް އެކަށީގެންވާ ސިއްހީ ފަރުވާ ސަރުކާރުން ނުދިނުމުގެ ސަބަބުން ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފަ އެވެ.

ނަވަލްނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައިވަނީ ކަމާބެހޭ ފަރާތްތަކުން އޭނާއަށް ސިއްހީ ފަރުވާ ދިނުމަށް ދެކޮޅު ހެދުމުންނެވެ. --ރޮއިޓާސް