ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ނުވަތަ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ކ. މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފްތިތާހުކޮށްފި އެވެ.
އެ ރަށުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މާފުށީގެ ޓޫރިޒަމް ބްރޭންޑް އިފްތިތާހު ކޮށްދެއްވީ، ރާއްޖޭގައި ގެސްޓްހައުސް ޓޫރިޒަމް ފެށުމުގެ ހުއްދަ ދެއްވި، އަދި އެ ސިޔާސަތާއި އެއްކޮޅަށް އެތައް މަސައްކަތެއް ކޮށްދެއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ނަޝީދުގެ އިތުރުން ރޭގެ ހަފުލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި މާފުށީ ކައުންސިލްގެ މެންބަރުން އަދި އެ ރަށުގައި ގެސްޓްހައުސް ވިޔަފާރިކުރަމުންދާ ވިޔަފާރިވެރިންނާއި އެ ތަންތަނުގެ މުވައްޒަފުން އަދި އެ ރަށުގެ ރައްޔިތުން ބައިވެރިވި އެވެ.
ގެސްޓްހައުސް އަދި އެކްސްކާޝަން ތަކާއެކު، މާފުށިން ލިބެމުންދާ ފަތުރުވެރިކަމުގެ ހިދުމަތްތައް ބްރޭންޑުކުރުމަކީ މިހާރު މާފުށި ކައުންސިލްގައި ތިބި މެންބަރުންގެ ކެމްޕޭން ވައުދެކެވެ. ހުކުރު ދުވަހުގެ ރޭ މިކަމަށް ބޭއްވި ޖަލްސާގައި އެ ރަށު ކައުންސިލްގެ ރައީސް ހަސަން ސޮލާހު އެކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ގެސްޓްހައުސް ވިޔަފާރި ފެށި އެ ރަށް ކަމަށްވާ މާފުށީގައި މިވަގުތު އެތައް ގެސްޓްހައުސްއަކާއި އެތައް ބުރީގެ ހޮޓާތައް އެބަހުއްޓެވެ. ކޮންމެ އަހަރަކު އެ ރަށަށް އެތައް ހާސް ޓޫރިސްޓުންނެއް ޒިޔާރަތްކުރެ އެވެ. ރާއްޖޭގެ ރިސޯޓުތައް ފިޔަވާ އެންމެ މަގުބޫލު އެއް ރަށުގެ ގޮތުގައި މާފުށި ގުނާލެވޭނެ އެވެ.
ރާއްޖޭގައި ލޯކަލް ޓޫރިޒަމް ތައާރަފުވީ ސަހްސެއްގެ ގޮތުގައި މިއަދު ގިނަ ބައެއްގެ ހިތަށް ސިފަވާނީ މާފުއްޓެވެ. ހާޓް އޮފް މޯލްޑިވްސް ނުވަތަ ރާއްޖޭގެ ހިތުގެގޮތުގައި ބްރޭންޑް ކުރި ސަބަބަކީ ވެސް އެއީ އެވެ.
ކަނޑުމަތިން އިއްޔެ މަރުވެފައި އޮއްވައި ފެނުނީ ޗައިނާ މީހެއް
ފެންބޮޑުވާނެ ކަމަށް ލަފާކޮށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި