ލަންޑަން (23 އޭޕްރިލް) - އެސްޓްރާޒެނެކާ އަދި ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒްއާއެކު އިނގިރޭސި ވިލާތުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު 65 ޕަސެންޓް ދަށްވެއްޖެ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

ކޮވިޑްގެ އާ ވޭރިއަންޓްތަކެއް އެ ގައުމުގައި ފެތުރެމުންދާ ދަނޑިވަޅެއްގައި ހެދި މި ދިރާސާއިން ދައްކާ ގޮތުގައި ސިއްހަތު ރަނގަޅު ޒުވާނުންގެ އިތުރުން ދިގު މުއްދަތަކަށް ބޭސްކުރާ މީހުންގެ މެދުގައި ވެސް ވެކްސިން ޖެހުމަށްފަހު ބަލި ޖެހޭ މިންވަރު ދަށެވެ.

އާ ހޯދުންތަކާއެކު ނެރުނު ބަޔާނެއްގައި ހެލްތު މިނިސްޓަރު ޖޭމްސް ބެތެލް ވަނީ މިއީ ކޮވިޑް-19 އާ ދެކޮޅަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި އެ ގައުމުގައި ހިންގަމުން އަންނަ ވެކްސިން ޕްރޮގްރާމް ތަކުގެ ފޮނި ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް ބުނެފަ އެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އިނގިރޭސިވިލާތުގެ ސިއްހީ ވުޒާރާ އިން ގުޅިގެން ކުރިއަށް ގެންދާ މި ސިލްސިލާ ދިރާސާތަކުގައި ވެކްސިންގެ ދެވަނަ ޑޯޒްއަކަށް ފަހު ބަލިން ރައްކާތެރި ކޮށްދޭ މިންވަރު 70 ޕަސެންޓަށް ބޮޑުވާ ކަމަށް ވަނީ ބުނެފަ އެވެ.

އެންޓިބޮޑީ ޓެސްޓުތަކުން ދައްކާ ގޮތުގައި ދެ ވައްތަރުގެ ވެކްސިންގެ ވެސް ފުރަތަމަ ޑޯޒްއަށް ފަހު އަސަރުކުރާ މިންވަރު ދަށް ނަމަވެސް ފައިޒާގެ ދެޑޯޒް އަށްފަހު އެންޓިބޮޑީ ހަށިގަނޑުގައި އިތުރުވެ އެވެ.

ރަސްމީ ހިސާބުތަކުން ގޮތުގައި އިނގިރޭސި ވިލާތުގައި މިހާތަނަށް 33 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާއިރު އޭގެ ތެރެއިން 10 މިލިއަން މީހުންނަށް ދެވަނަ ޑޯޒް ވެސް ދީފައިވެ އެވެ. -- ރޮއިޓާސް