ސްޓެލްކޯގެ ކޮރަޕްޝަން މައްސަލައެއް ރިޕޯޓް ކުރުމުން އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވީ ރައީސް މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގަ އެވެ.

ވަޒީފާއިން ވަކިކުރި މީހާ ވަނީ އެކަން ހިނގައިދިޔަގޮތް އެ ބައްދަލުވުމުގައި ކިޔައިދެއްވާފަ އެވެ.

އޭނާ ބުނީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރާ ބައްދަލުކޮށް ސްޓެލްކޯގައި ހިނގަމުންދިޔަ ކޮރަޕްޝަންގެ މައްސަލައެއްގެ ވާހަކަ އޭނާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އެ މައްސަލަ ހިއްސާކުރުމުން ޖަވާބުގައި އެއީ ރައީސް މުއިއްޒު ވަރަށް ރުޅިދުރުވާނެ ކަމެއް ކަމަށް މިނިސްޓަރު އަބްދުﷲ ނާސިރު ބުނި ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

ނަމަވެސް އެ ކޮރަޕްޝަންގެ މައްސަލާގައި ފިޔަވަޅު އެޅުމުގެ ބަދަލުގައި އޭނާގެ ސިއްރު ހާމަކޮށް ވަޒީފާއިން ވަކިކޮށްލީ ކަމަށް އެ މީހާ ކިޔައިދިނެވެ.

އެ މީހާ ބުނީ އޭނާ ވަޒީފާއިން ވަކިކޮށްލީ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލާގައި ފިޔަވަޅުއެޅުމުގެ ބަދަލުގައި ފަހުމީއަށް ދިނީ އިނާމެކެވެ. މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުން ބޮޑު މަގާމެއް ދިނީ އެވެ.

މީގކުރިން އެޗްޑީސީގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް ވެސް މި ސަރުކާރުން ނުބަލަ އެވެ. ގިނަ ދުވަސްތަކެއް ފަހުން ޕީޖީ އޮފީހުން ބުނީ ލިޔެކިޔުންތަކެއް ނައްތާލި ކަމުގެ ހެކި ނެތިގެން އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށެވެ.

އެކަމަކު އެ ކުންފުނިން ހިންގި އެތަކެއް ކޮރަޕްޝަން މައްސަލަތަކެއް މީގެކުރިން ފެންމަތިވެފައިވާއިރު، އެއިން އެއްވެސް މައްސަލައެއް ތަހުގީގުކުރުމަށް ޕީޖީ އައްބާސް ޝަރީފް ނާންގަވަ އެވެ.