މާލެ އަތޮޅުގައި ކުރިއަށް ގެންދާ ފަޅު ހިއްކުމަށް ހުއްދަ ދީފައިވާ ބައެއް މަޝްރޫއުތަކަށް، ބައެއް ސަރަހައްދުތަކުން ގަވައިދާ ހިލާފަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް އެންވަޔަރަމެންޓަލް ރެގިޔުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ބުނެފި އެވެ.

އީއާރުއޭ އިން މިފަދައިން އިލްތިމާސްމިކުރީ ސޯޝަލް މީޑިއާގައި ވެސް އެފަދަ ވާހަކަތަކެއް ދެކެވެމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އީއާރުއޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުއްދަ ދީގެން މާލެ އަތޮޅުގައި ކުރިއަށްގެންދާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ ލިބޭ ކަމަށެވެ.

ބައެއް ރިސޯޓުތަކުގެ ބައުންޑްރީ ތެރެއަށް ޑްރެޖަރުތައް ވަދެ، ރިސޯޓުގެ އިމުގެ ތެރެއިންވެލިނަގާ ކަމުގެ ކަންބޮޑުވުންފާޅުކޮށް އެކަމާ ގުޅޭ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

މިކަމާ ގުޅިގެން ބައެއް ރިސޯޓްތަކުން ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ވެސް ޝަކުވާ ހުށަހަޅާފަ އެވެ.

އެ ޝަކުވާތަކުގައި ބުނެފައި ވަނީ ރިސޯޓު ކައިރިން ވެލި ނެގުމުން ރިސޯޓުގެ މޫދުގެ ލޮނުގަނޑު ތަގައްޔަރުވެ ފަޅުތެރޭގެ ދިރުންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

"މިފަދަ ކަންތަކުގެ ސަބަބުން ފަތުރުވެރިންގެ ތަޖުރިބާ އަށް އަސަރުކޮށް މުސްތަގުބަލުގައި ރިސޯޓު ބުކިންތަކަށް ވެސް އަސަރުކުރުން އެކަށީގެންވޭ،" ރިސޯޓަކުން ހުށަހެޅި ޝަކުވާގައިވެ އެވެ.

މިފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް، ތިމާވެއްޓާ ބެހޭ އެސެސްމެންޓުތައް ފުރިހަމައަށް ކުރިއަށް ގެންގޮސް، އެ އެސެސްމެންޓުތަކުގައި ފާހަގަކޮށްފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މުހިއްމުކަން ވަނީ ފާހަގަކޮށްފަ އެވެ.

އީއައިއޭގެ ރިޕޯޓާއި ދޫކޮށްފައިވާ ހުއްދަތަކާއެއްގޮތަށް މަސައްކަތް ކުރިއަށްގެންދަން ވެސް އީއާރުއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އީއާރުއޭ އިން ކުރި އިއުލާނުގައި ގަވާއިދާ ހިލާފަށް ވެލި ނަގަކީ ކޮން ބައެއްކަން ހިމަނާފައެއްނުވެ އެވެ. މިހާރު މާލެ އަތޮޅުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއުތަކަކީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތާއި ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތެވެ.