އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކާއި ގުޅިގެން މުޒާހަރާގެ އިތުރު ބައިވެރިން މަރާނަމަ، އީރާނަށް ހަމަލާ ދޭނެކަމަށް ބުނެ އެމެރިކާއިން އިންޒާރު ދީފި އެވެ.
ދިރިއުޅުމުގެ ހަރަދު އިންތިހާއަށް ބޮޑުވާ މައްސަލައިގައި އީރާނުގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާގައި މިހާތަނަށް 7 މީހަކު ވަނީ މަރުވެފަ އެވެ. އާދިއްތަ ދުވަހު ފެށި މުޒާހަރާތަށް ހޫނުވެ، ބުރާސްފަތި ދުވަހު މުޒާހަރާގެ ބައިވެރިންނާއި އެގައުމުގެ ފުލުހުންނާ ދެމެދު ގިނަ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިކަމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްގެ ޓްރުތު ސޯޝަލް ޕްލެޓްފޯމްގައި ވިދާޅުވީ އީރާނުން ދެން އިތުރު އާއްމުން މަރާނަމަ، އެމީހުންގެ ސަލާމަތަށް އެމެރިކާއިން އަންނާނެ ކަމަށެވެ.
އެކަމަށް ރައްދު ދެއްވަމުން އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލް އަލީ ލަރިޖަނީ ވިދާޅުވީ އީރާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަނުން ވެގެންދާނީ ސަރަހައްދުގެ މަސްލަހަތު ގެއްލި އިތުރު ހަލަބޮލިކަން އުފެދޭނެ ކަމަކަށް ކަމަށެވެ.
ނިމިދިޔަ ހަފްތާގައިވެސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނުވަތަ މިސައިލް ގާބިލުކަން އަލުން ބިނާކުރުމަށް ތެހެރާނުން މަސައްކަތް ކުރާނަމަ އެކަމަށް ދޭ ރައްދެއްގެ ގޮތުގައި ހަމަލާ ދޭނެކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.
ޓްރަމްޕް އެފަހަރު އިންޒާރު ދެއްވާފައިވަނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ރިސޯޓުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުމަށް ފަހުގަ އެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ އަނެއްކާ ވެސް އިޒްރޭލުގެ ސިޔާސަތުތަކަށް ފުރިހަމަ އަށް ތާއީދުކުރައްވައި ވާހަކަދައްކަވާފަ އެވެ.
އީރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފައިވެ އެވެ. ޓްރަމްޕް އީރާނަށް އިތުރު އަސްކަރީ ހަމަލާތަކެއް ދީފާނެ ކަމަށް ވިދާޅުވެ ދެއްވި އިންޒާރާ ގުޅިގެން، ކޮންމެ ހަމަލާއަކަށް ވެސް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން ވަނީ ވައުދުވެފަ އެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ އިރާނަށް ދޭ ކޮންމެ ހަމަލާއެއް ވެގެންދާނީ ވަރުގަދަ އަދި އެކަމާ އެމެރިކާއިން ހިތާމަކުރަން ޖެހޭނެ ފަދަ ރައްދަކަށް ކަމަށެވެ. އޭނާގެ މި ބަހުގެހަމަލާ އައީ، ވޮޝިންޓަނުން އިރާނަށް ބޮޑު ހަމަލާއެއް ދީފާނެ ކަމަށް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
އެމެރިކާ އިން މީގެ ކުރިން ބޮޑަށް އިސްކަންދީފައި ވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށެވެ. ނަމަވެސް އީރާނުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތަކަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ތަރައްގީ ކުރާ ޕްރޮގްރާމެއް ކަމަށެވެ.
މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކޮށްފި