އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެ، އެކަން ކުށްވެރި ކުރުމަށް އީރާނުން އދ. އަށް ގޮވާލައިފި އެވެ.

އދ. އަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު އާމިރު ސައީދު އިރަ ވާނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އާއި ސަލާމަތީ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި މިކަމަށް ގޮވާލެއްވީ، އީރާނުގައި މުޒާހަރާކުރާ މީހުން މަރަމުންދާނަމަ އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ފުރިހަމައަށް ތައްޔާރުވެފައި އޮތް ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވާފައި ވަަނިކޮށެވެ.

އެ ސިޓީގައި ސަފީރު ވިދާޅުވެފައި ވަނީ ޓްރަމްޕްގެ ވާހަކަފުޅުތަކަކީ ޒިންމާދާރުކަން ކުޑަ އަދި ރުޅިވެރިކަން އުފައްދާ ވާހަކަތަކެއް ކަމަށާއި، އެހެން ގައުމެއްގެ ދާޚިލީ ހަމަނުޖެހުންތަކަށް ހިތްވަރުދީ، އަސްކަރީ ފިޔަވަޅު އެޅުމަށް ބަހަނާއެއްގެ ގޮތުގައި އެކަން ބޭނުންކުރުމަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ.

އީރާނުގެ ސިޔާދަތު ދިފާއުކުރުމުގެ ފުރިހަމަ ހައްގު އެގައުމަށް ލިބިގެންވާ ކަމަށާއި، ބޭނުން ޖެހިއްޖެ ހިނދެއްގައި އެކަށީގެންވާ ރައްދު ދޭނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި މިފަދަ ގާނޫނާ ޚިލާފު އިންޒާރުތަކުގެ ސަބަބުން ނުކުންނަ ކޮންމެ ނަތީޖާއެއްގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާ ސަރުކާރުން ކަމަށް ވެސް އީރާނުން ބުނެ އެވެ.

ތަކެތީގެ އަގުބޮޑުވުމާއި އިގްތިސާދީ ހާލަތު ދަށަށް ދިއުމުގެ ސަބަބުން ތެހެރާނާއި، ގުމް އަދި މަޝްހަދު ފަދަ ބޮޑެތި ރަށްތަކުގައި މުޒާހަރާތައް ފުޅާވެފައިވާއިރު، މިހާތަނަށް މި ހަމަނުޖެހުންތަކުގައި 9 މީހުން މަރުވެ، 44 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ގުމް ޕްރޮވިންސްގައި އަތަށް ބޮމެއް ގޮވުމުގެ ސަބަބުން އިތުރު މީހަކު މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ޑެޕިއުޓީ ގަވަރުނަރު ވަނީ ވިދާޅުވެފަ އެވެ.

އާންމު ހާލަތު ގޯސްވުމާ ގުޅިގެން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ މިއީ ސަރުކާރުގެ އިހުމާލު އޮތް ކަމެއް ކަމަށް އެއްބަސްވެވަޑައިގެން، މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. މިއީ މީގެ ކުރިން މުޒާހަރާތަކާ ދެކޮޅަށް އީރާނުން ގެންގުޅުނު ހަރުކަށި ސިޔާސަތާ ތަފާތު، މަޝްވަރާގެ ރާގެއް ކަމަށް ފާހަގަކުރެ އެވެ.

އިރާންގެ މުޒާހަރާތަކާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްރުތު ސޯޝަލް ޕްލެޓްފޯމްގައި ވިދާޅުވީ އީރާނުން ދެން އިތުރު އާއްމުން މަރާނަމަ، އެމީހުންގެ ސަލާމަތަށް އެމެރިކާއިން އަންނާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލް އަލީ ލަރިޖަނީ ވިދާޅުވީ އީރާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަނުން ވެގެންދާނީ ސަރަހައްދުގެ މަސްލަހަތު ގެއްލި އިތުރު ހަލަބޮލިކަން އުފެދޭނެ ކަމަކަށް ކަމަށެވެ.

މިދިޔަ ހަފުތާގައި ވެސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ނުވަތަ މިސައިލް ގާބިލުކަން އަލުން ބިނާކުރުމަށް ތެހެރާނުން މަސައްކަތް ކުރާނަމަ އެކަމަށް ދޭ ރައްދެއްގެ ގޮތުގައި ހަމަލާ ދޭނެކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.

ޓްރަމްޕް އެ ފަހަރު އިންޒާރު ދެއްވާފައި ވަނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ރިސޯޓުގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ އަނެއްކާ ވެސް އިޒްރޭލުގެ ސިޔާސަތުތަކަށް ފުރިހަމަ އަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

އީރާނަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން، އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފައިވެ އެވެ. ޓްރަމްޕް އީރާނަށް އިތުރު އަސްކަރީ ހަމަލާތަކެއް ދީފާނެ ކަމަށް ވިދާޅުވެ ދެއްވި އިންޒާރާ ގުޅިގެން، ކޮންމެ ހަމަލާއަކަށް ވެސް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުން ވަނީ ވައުދުވެފަ އެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ އިރާނަށް ދޭ ކޮންމެ ހަމަލާއެއް ވެގެންދާނީ ވަރުގަދަ އަދި އެކަމާ އެމެރިކާއިން ހިތާމަކުރަން ޖެހޭނެ ފަދަ ރައްދަކަށް ކަމަށެވެ. އޭނާގެ މި ބަހުގެ ހަމަލާ އައީ، ވޮޝިންޓަނުން އިރާނަށް ބޮޑު ހަމަލާއެއް ދީފާނެ ކަމަށް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.

އެމެރިކާ އިން މީގެ ކުރިން ބޮޑަށް އިސްކަންދީފައި ވަނީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށެވެ. ނަމަވެސް އީރާނުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތަކަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް ތަރައްގީ ކުރާ ޕްރޮގްރާމެއް ކަމަށެވެ.