ވެނެޒުއެލާއާއެކު ތެލުގެ ވިޔަފާރިކުރާ ތެޔޮ ޓޭންކަރުގެ ފަހަތުން އެމެރިކާގެ ކޯސްޓު ގާޑު ދިޔުން ހުއްޓާލުމަށް ރަޝިޔާއިން އެމެރިކާގެ ކިބައިން އެދެފި އެވެ.
ބެލާ1 ގެ ނަން ދީފައިވާ މި އުޅަނދުގެ ފަހަތުން އެމެރިކާއިން ދަތުރުކުރަމުން ދާތާ ދެ ހަފްތާއެއް ހާ ދުވަސް ވަނީ ވެފަ އެެވެ. އީރާނުން ފުރައިގެން ދަތުރުކުރަމުންދާ މި އުޅަނދަށް އެރުމަށް އެމެރިކާއިން އެންމެ ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ ކެރީބިއަން ކަނޑުންނެވެ. އެއީ އެ އުޅަނދުގައި ވަކި ގައުމެއްގެ ދިދަ ނުޖަހައި ދަތުރުކުރަމުން ދިޔުމުންނެވެ.
ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ދިދަ ނުޖަހައި އުޅަނދެއް ދަތުރުކުރާ ނަމަ އެ އުޅަނދަކަށް ބޭރު ގައުމުތަކުގެ އިދާރާތަކަށް އެރޭނެ އެވެ. ނަމަވެސް އޭގެ ފަހުން އެ އުޅަނދުގައި ވަނީ ރަޝިޔާގެ ދިދަ ކުރަހައި، އެއީ ރަޝިޔާގެ ހިމާޔަތުގައި ދަތުރުކުރަމުންދާ އުޅަނދެއް ކަމަށް ބުނެފަ އެވެ.
ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާއިން ވަނީ ވެނެޒުއެލާގެ ތެލާއި ހަކަތައާ ބެހޭ ދާއިރާގައި ހަރަކާތްތެރިވާ ކަމަށް ބުނާ ހަތަރު ކުންފުންޏަކާއި އެ ކުންފުނިތަކާ ގުޅުން ހުރި ތެޔޮ ޓޭންކަރުތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅައިފަ އެވެ.
ފާއިތުވި ދުވަސްތަކުގައި ވެނެޒުއެލާއަށް ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން އަމާޒުކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.
ބެލާ 1ގެ މިސްރާބު ބަދަލުކޮށް މިހާރު ދަނީ އެމެރިކާގެ ކޯސްޓު ގާޑުގެ އަތުގައި ނުޖެހިވޭތޯ މަސައްކަތް ކުރަމުންނެވެ. އެ އުޅަނދު މި ވަގުތު ދަތުރުކުރަމުން ދަނީ އެޓްލާންޓިކް ކަނޑުގަ އެވެ. އެމެރިކާއިން އެ އުޅަނދު ފަހަތުން ދިޔުން ހުއްޓައިލުމަށް އެދިފައިވާ ރަޝިޔާއަކީ ވެނެޒުއެލާއާއެކު ގާތް ސިޔާސީ އަދި އިގްތިސޯދީ ގުޅުމެއް ދަމަހައްޓާ ގައުމެކެވެ. ވެނެޒުއެލާގެ ހަކަތައިގެ ދާއިރާއަށް އެމެރިކާއިން ފިޔަވަޅު އެޅުން ރަޝިޔާއިން މީގެ ކުރިން ވެސް ކުށްވެރި ކޮށްފައިވެ އެވެ.
ރަޝިޔާއިން ތެޔޮ ޓޭންކަރު ފަހަތުން ނުދިޔުމަށް އެމެރިކާގެ ކިބައިން އެދިފައި މި ވަނީ އެމެރިކާއާއި ރަޝިޔާއާ ދެމެދު ރަޝިޔާ- ޔޫކްރެއިން ހަނގުރާމަ ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ޑޮމެސްޓިކް އެއާޕޯޓްތައް ވެސް ހިންގާނީ ދިވެހީން: އަމީން
އާރްޑީސީން ދެވަނަ ފަހަރު ލޯގޯ ބަދަލުކޮށްފި