އެމެރިކާގެ ސިފައިން ވެނެޒުއޭލާއަށް ވައިގެ ހަމަލާތައް ދިނުމަށްފަހު، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރާ ހައްޔަރުކޮށްގެން ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާއިރު، މުޅި ދުނިޔެއިން އެކަން ކުށްވެރިކޮށްފި އެވެ.

ވެނެޒުއޭލާ ގަޑިން މެންދަމުގެ ވަގުތެއްގައި އެމެރިކާގެ ގިނަ ޢަދަދެއްގެ ހެލިކޮޕްޓަރުތައް އެ ގައުމުގެ ވައިގެ ސަރަޙައްދަށް ވަދެ ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

އެ ހަމަލާތަކުގެ އަޑުތައް ވަރަށް ދުރަށް ގުގުމާފައިވާއިރު، ގިނަ އިމާރާތްތަކުން ދުން އަރާ މަންޒަރު ވެސް ފެންނަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ޓްރަމްޕް ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން މަދޫރޯގެ ސަރުކާރާ ދެކޮޅަށް "ވަރަށް ކާމިޔާބު" އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި މަދޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށްގެން، ވެނެޒުއޭލާއިން ނެރެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، މަދޫރާ ގެންގޮސްފައިވަނީ ސީދާ ކޮންތަނަކަށް ކަމެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެ އެވެ.

އެމެރިކާއިން ވެނެޒުއެލާއަށް ހަމަދީ އެ ގައުނުގެ ރައީސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން ގައުމުން ބޭރަށް ގެންދިޔަކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވާއިރު، ދުނިޔޭގެ ގައުމުތަކުން ގެންދަނީ އެމެރިކާގެ މި އަމަލު ހަރުކަށިއިބާރާތުން ކުށްވެރިކުރަމުންނެވެ.

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވީ އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދީ މުޅި ދުނިޔެއަށް އެދިނީ އިންޒާރެއް ކަމަށާއި އެފަދަ ހަތިޔާރު އެޅި ކުރިމަތިލުމަކަށްވުރެ ބޮޑަށް، ސުލްހަޔާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމާއި، އިންސާނީ ފުރާނަ އާއި ކަރާމާތް ރައްކާތެރިކުރުން އިސްކުރަންޖެހޭނެ ކަމަށެވެ.

ކިއުބާކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކާނަލް ވިދާޅުވީ އެމެރިކާއިން ވެނެޒުއޭލާއަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައުން މިކަމަށް އަވަސް ފިޔަވަޅެއް އެޅުމަށް ގޮވާލައްވާފައެވެ. އަދި ސުލްހައިގެ ގައުމަކަށް ރަހުމުކުޑަ ހަމަލާއެއް ދީފައިވާ ކަމަށާއި އެމެރިކާގެ މި އަމަލަކީ ހަމައެކަނި ވެނެޒުއޭލާގެ ރައްޔިތުންނަށް އަމާޒުކޮށްފައިވާ އަމަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިއީ މުޅި އެމެރިކާ ބައްރުގެ ގައުމުތަކާ ދެކޮޅަށް ހިންގި ޓެރަރިޒަމްގެ ގެ އަމަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އިރާންއިރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާއިން ވެނެޒުއޭލާއަށް ދިން އަސްކަރީ ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އަދި މިއީ އެ ގައުމުގެ ސިޔާދަތީ މިނިވަންކަމާއި ސަރަހައްދީ ފުރިހަމަކަމަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަތުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެމެރިކާއިން ވެނެޒުއޭލާއާ ދެކޮޅަށް ހިންގި "ހަތިޔާރު އެޅި އުދުވާނީ އަމަލު" ރަޝިޔާގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ކުށްވެރިކޮށް، އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަސްލަހަތު އިތުރަށް ގޯސްވިޔަ ނުދިނުމަށާއި، މަޝްވަރާގެ މަގުން މައްސަލައަށް ހައްލެއް ހޯދުމަށް މިވަގުތު އިސްކަންދިނުން ނުހަނު މުހިންމު ކަމަށެވެ.

މީގެ އިތުރުން ވެސް ގިނަ ގައުމުތަކަކުން އަންނަނީ އެމެރިކާގެ މި އަމަލު ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ.

ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި، ވެނެޒުއެލާއިން ވަގަށް ތެޔޮ ބޭރުކޮށްގެން ލިބޭ އާމްދަނީ ބޭނުންކުރަނީ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުމަށެވެ.

އެއާއެކު، ޕެސިފިކް ކަނޑާއި ކެރީބިއަން ކަނޑުގައި އެމެރިކާގެ އަސްކަރީ ޙަރަކާތްތައް ފުޅާކޮށް، މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ ގިނަ އުޅަނދުތަކަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ހަމަލާދީފަ އެވެ.

މީގެއިތުރުން، ވެނެޒުއޭލާއިން ވަގަށް ތެޔޮ ބޭރުކުރާކަމަށް ތުހުމަތުކުރެވޭ ގިނަ ޢަދަދެއްގެ ޓޭންކަރުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ކަނޑުމަގުން އެ އުޅަނދުތައް ހުއްޓުވުމުގެ މަސައްކަތް ވެސް އެމެރިކާއިން ވަނީ ފަށައިފަ އެވެ.