ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރި ކަންގަނާ ރަނޯޓްއަކީ އިންޑިއާގެ ސިޔާސީ މަޝްރަހުގައި މިހާރު ވަރަށް ހަރަކާތްތެރި ތަރި އެކެވެ.

ކަންގަނާ ސިޔާސީ ދާއިރާއަށް ގުޅުމާއެކު އޭނާގެ ފިލްމީ މަސައްކަތްތައް ހުއްޓާލާނެ ކަމަށް ގިނަ ބަޔަކު ހީކުރި ނަމަވެސް އޭނާ އަންނަނީ ސިޔާސީ މަސައްކަތްތަކާއެކު ފިލްމީ މަސައްކަތްތައް ވެސް ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން ކަންގަނާ ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބާރަތު ބާގްޔާ ވިދްއާތާ"ގެ މަސައްކަތްތަކާ ގުޅިފައި ކަމަށް ހަބަރުތައް ބުނެ އެވެ.

އެ މަސައްކަތާ ގުޅުނުކަން ޔަގީން ކޮށްދެމުން ކަންގަނާގެ އިންސްޓަގްރާމްގައި ވީޑިއޯއެއް ހިއްސާ ކޮށްފައިވާއިރު އެއާއެކު އޭނާ ބުނީ އަލުން ސެޓަށް އައުމުން އުފާވާ ކަމަށެވެ.

ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި މަނިކަރްނިކާ ޕްރޮޑަކްޝަންސްއިން އުފައްދާ މި ފިލްމުގެ މާ ބޮޑު މައުލޫމާތެއް ނޭނގުނު ނަމަވެސް އެ ފިލްމަކީ އިންޑިއާގެ އިޖްތިމާއީ އަދި ސިޔާސީ ކަންކަން ފެންނާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.

ކަންގަނާ އެންމެ ފަހުން ފެނިގެންދިޔައީ "އެމަޖެންސީ"ގަ އެވެ. އޭގެ އިތުރުން އޭނާ އަންނަނީ ހޮލީވުޑްގެ ފިލްމަކަށް ވެސް ތައްޔާރު ވަމުންނެވެ.