މި އަހަރު ބާއްވާ މުނިފޫހި ފިލުވުމުގެ ދާއިރާގެ އެންމެ ފުރަތަމަ އެވޯޑު ހަފްލާ ކަމަށްވާ ގޯލްޑަން ގްލޯބްސް އެވޯޑްސް އަންނަ އާދީއްތަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް އެވޯޑް ހަފްލާ ކަމަށްވާ ގޯލްޑަން ގްލޯބްސް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން އޮންނާނީ އާދީއްތަ ދުވަހުގެ ރޭ ކެލިފޯނިއާގެ ބެވާލީ ހިލްސްގަ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރެވުނު ގިނަ ފިލްމުތަކެއް ވާދަކުރާ އެ ހަފްލާ ހޮސްޓް ކުރަން ހަމަޖެހިފައިވަނީ މަޝްހޫރު އެކްޓަރު އަދި ކޮމީޑިއަން ނިއްކީ ގްލޭޒާ އެވެ.

އޭގެ އިތުރުން ވެސް މަޝްހޫރު ގިނަ ފަންނާނުން ތަކެއްގެ ހާއްސަ ފެނިލުންތަކެއް ހަފްލާގެ ތެރެއިން ފެނިގެންދާނެ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މިއަހަރުގެ އެވޯޑަށް ވާދަކުރާ ނަން މަޝްހޫރު ތަރިންގެ ތެރޭގައި ޓިމޮތީ ޗަލަމެޓް، ލިއޮނާޑޯ ޑިކެޕްރިއޯ، އެރިއާނާ ގްރާންޑޭ އަދި އެމާ ސްޓޯން ފަދަ ތަރިން ހިމެނެ އެވެ.

ގޯލްޑަން ގްލޯބް އެވޯޑްސް މިއަހަރު ގެނެސްދޭން ހަމަޖެހިފައިވަނީ ސީބީއެސްއާ ގުޅިގެންނެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ 08:00ގައި ފަށާ މި އެވޯޑް ހަފްލާ ސީބީއެސްގެ އިތުރުން ޕެރަމައުންޓުން ވެސް ވަގުތުން ދައްކާނެ އެވެ.