ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، އެ ގައުމުގެ ހުރިހާކަމެއް ވެސް ހިންގަމުން ދަނީ އެމެރިކާގެ ބެލުމުގެ ދަށުން ކަމަށް އެމެރިކާގެ ސަރުކާރުން ބުނެފި އެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ، އެމެރިކާ އިން ދަނީ ވެނެޒުއޭލާގެ ވަގުތީ ސަރުކާރާ އެކު ގާތުން މަސައްކަތް ކުރަމުން ކަމަށާއި އެގޮތުން އެ ގައުމުގެ ނިންމުންތައް ބިނާވާނީ އެމެރިކާ އިން އަންގާ ގޮތެއްގެ މައްޗަށް ކަމަށެވެ.
ވެނެޒުއޭލާގެ ވަގުތީ ސަރުކާރުގެ މައްޗަށް އެމެރިކާގެ ފުރިހަމަ ބާރު އެބައޮތްކަން ފާހަގަކުރައްވަމުން ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ އެމެރިކާގެ އެންގުމާއި ޚިލާފަށް ވެނެޒުއެލާގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނޭ ކަމަށެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވިދާޅުވީ، ވެނެޒުއޭލާ ކޮންޓްރޯލް ކުރަނީ އެ ގައުމުގެ މާލީ ކަންކަމާއި ހަކަތައިގެ ވަސީލަތްތައް އެމެރިކާގެ ބާރުގެ ދަށަށް ގެނެސްގެން ކަމަށެވެ. އެގޮތުން ވެނެޒުއޭލާގައި އެމީހުންނަށް ތެޔޮ ވިއްކޭނީ އެމެރިކާގެ މަސްލަހަތު ހިމެނޭ ގޮތަށް މަސައްކަތް ކުރާނަމަ ކަމަށް ވެސް ވެންސް ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެމަފިރިން މިހާރު ތިބީ ނިއުޔޯކް ސިޓީގެ ޖަލެއްގަ އެވެ.
އެމީހުންގެ މައްޗަށް ކުރަނީ އެމެރިކާއަށް ގިނަ އަދަދެއްގެ ކޮކެއިން އެތެރެކުރުމަށް ހިންގި ޖަރީމާއެއް ބެލެހެއްޓި ކަމުގެ ދައުވާ އެވެ.
މަޑޫރޯ ހައްޔަރު ކުރުމަށް ފަހު، ފްލޮރިޑާގައި ހުންނަ ރައީސް ޓްރަމްޕްގެ އަމިއްލަ ގެކޮޅުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު ވިދާޅުވީ، ވެނެޒުއޭލާ ހިންގާނީ އެމެރިކާ އިން ކަމަށެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާއި އެމެރިކާގެ ގާނޫނުތަކަށް ބެލުމެއް ނެތި ވެނެޒިއޭލާއަށް ހަމަލާދީ، މެންދަމުގައި އެ ގައުމުގެ ރިޔާސީ ގަނޑުވަރު ފޫއަޅުވާލަށް ފަހު މަޑޫރޯ އެމެރިކާއަށް ގެންދިޔުމުން، ވެނެޒުއޭލާގެ ވަގުތީ ރައީސާގެ ގޮތުގައި މަޑޫރޯގެ ކުރީގެ ނައިބު ރައީސާ ޑެލްސީ ރޮޑްރިގޭޒް ވަނީ ހުވާކުރައްވައިފަ އެވެ.
ރައީސް ޓްރަމްޕް ވަނީ ވެނެޒުއޭލާގެ 30 އާއި 50 މިލިއަން ފީފާ ތެޔޮ އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސް، އެ ވިއްކައިގެން ލިބޭ ފައިސާ އެމެރިކާގެ ބެލުމުގެ ދަށުން ބޭނުންކުރާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ.
ޓްރަމްޕްގެ ސަރުކާރުން ބުނަނީ ރޮޑްރިގޭޒް މަސައްކަތް ކުރައްވަން ޖެހޭނީ އެމެރިކާގެ އެންގުންތަކާ އެއްގޮތަށް ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށްފިނަމަ މަޑޫރޯއަށް ވުރެ ބޮޑު އަދަބަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ އެވެ.
ވައިޓް ހައުސް އިން ބުނާ ގޮތުގައި، ރޮޑްރިގޭޒް މަސައްކަތް ކުރަން ޖެހޭނީ އެމެރިކާގެ ބަސް ގަބޫލުކޮށް، އެމެރިކާގެ އެދުންތަކާ އެއްގޮތަށެވެ.
75 އަހަރު ވަންދެން ވަޒީފާ އަދާކުރެވޭ ގާނޫނު ތަސްދީގު ކުރައްވައިފި
ކެޓްރީނާއާއި ވިކީގެ ދަރިފުޅުގެ ނަމަކީ ވިހާން!
އެންމެ ފަހުން ނިކޯލްއާއި ކެއިތު ވަރިވެއްޖެ