ބަރުދަން ލުއި ކުރުމަށް އެކި މީހުން އެކި ކަންކަން ކުރާއިރު އެކަމަށްޓަކައި އެކި ކަހަލަ ބޭސްތައް ބޭނުންކުރާ މީހުން ވެސް މިހާރު އަންނަނީ ގިނަވަމުންނެވެ.

އެހެން ނަމަވެސް އެ ފަދަ ބޭސްތަކަކީ ދިގު މުއްދަތުގައި ސިއްހަތަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް ސިއްހާ މާހިރުން މެދުނުކެނޑި އިންޒާރު ދެމުން އަންނައިރު މިފަހުން ހެދި ދިރާސާއަކުން ވެސް އެކަން މިވަނީ ސާބިތުވެފަ އެވެ.

މީގެ ކުރިން ހަދާފައިވާ 37 ދިރާސާއަކުން މައުލޫމާތު ނަގައިގެން އެކުލަވާލާފައިވާ އެ ރިޕޯޓުގައި ބުނެފައިވަނީ ބޭސް ކައިގެން ބަރުދަން ލުއިކުރާ މީހުން އެފަދަ ބޭސްތައް ކެއުން ހުއްޓާލާތާ ދެ އަހަރު ދުވަހުގެ ތެރޭގައި އަލުން ކުރީގެ ހާލަތަށް ދާ ކަމަށެވެ.

އެފަދަ ބޭސްތައް ކާ މީހުން ބޭސްތައް ހުއްޓާލުމަށްފަހު ދެ އަހަރު ތެރޭގައި ބަރުދަނުގެ މައްސަލަތަކުގެ އިތުރުން ވެސް ސިއްހީ އެހެން މައްސަލަތައް ކުރިމަތިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެގޮތުން ހިތުގެ ސިއްހަތާ ގުޅުންހުރި ކަންކަން ކަމަށްވާ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލްގެ މައްސަލަތައް 1.4 އަހަރުގެ ތެރޭގައި ފެންމަތިވާ ކަމަށް ފާހަގަވެފައިވެ އެވެ.

އޭގެ އިތުރުން ވެސް ބޭސް ކެއުން ހުއްޓާލުމަށްފަހު ބަރުދަން އިތުރުވުން ދެގުނައަށް އިތުރުވެ ކުރިއަށްވުރެ އަވަހަށް ފަލަ ބައްޔަށް ހުށައެޅުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެހެން ކަމުން ބޭސް ކައިގެން ބަރުދަން ލުއި ކުރުމަށްވުރެ ދިގު މުއްދަތުގައި އެންމެ ރަނގަޅީ ކެއިންބުއިމާއި ދިރިއުޅުމަށް ގެންނަ ބަދަލުތަކުން ބަރުދަން ލުއި ކުރުން ކަމަށް މާހިރުން ލަފާދެ އެވެ.