އިގްތިސާދީ ދަތިތަކާ ހުރެ އީރާނުގައި ފެށުނު މުޒާހަރާތައް އިތުރަށް ފުޅާވެ، ގައުމުގެ މަސްލަހަތު ގެއްލެމުންދާތީ އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ގައުމީ އެއްބައިވަންތަ ކަމަށް ގޮވާލައްވައިފި އެވެ.
ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ހާމަނާއީ ވަނީ، މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ ބޭރުގެ ދުޝްމަނުން، ހާއްސަކޮށް އެމެރިކާގެ ރޭވުމެއްގެ ދަށުން ހިންގާ "ޓެރަރިސްޓް އަމަލުތަކެއް" ކަމަށް ސިފަކުރައްވައިފަ އެވެ.
މުޒާހަރާގެ ބައިވެރިންނަކީ ބޭރު ގައުމުތަކުގެ މުސާރަވެރި ހަނގުރާމަވެރިން ކަމަށް ތުހުމަތުކުރައްވައި، އެ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ހާމަނާއީ ދެއްވި އެވެ.
ހާމަނާއީގެ ތަގުރީރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްރަމްޕުގެ އަތްޕުޅު ވަނީ އީރާނު ރައްޔިތުންގެ ލެއިން ތަޣައްޔަރުވެފަ އެވެ.
ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީ އިން ބުނާ ގޮތުގައި، މިދިޔަ ޑިސެމްބަރު 28 އިން ފެށިގެން ކުރިއަށްދާ މުޒާހަރާތަކުގައި މިހާތަނަށް މަދުވެގެން 62 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 48 މީހުންނަކީ މުޒާހަރާގެ ބައިވެރިންނެވެ. ސިފައިންގެ 14 މީހަކު ވެސް މަރުވި އެވެ.
މިފަހަރުގެ މުޒާހަރާތައް ފެށިފަހުން 2،300 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން އީރާނު ސަރުކާރުން ވަނީ މުޅި ގައުމުން އިންޓަނެޓްގެ ހިދުމަތް ކަނޑާލާފަ އެވެ. އަދި މީގެ އިތުރުން ފޯނުގެ ހިދުމަތްތަކަށް ވެސް ވަނީ ބުރޫ އަރާފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާން ސަރުކާރަށް ހަރުކަށި އިންޒާރެއް ދެއްވާފަ އެވެ. އީރާނުން މުޒާހަރާގެ ބައިވެރިން މަރާނަމަ، އޭގެ ބަދަލު ވަރަށް ހިތިވާނެ ކަމަށާއި އެމެރިކާއިން "ހަމަލާދޭން ތައްޔާރަށް" އޮތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
މި މުޒާހަރާތައް ފުރަތަމަ ފެށުނީ އީރާނުގެ ފައިސާ، ރިއާލްގެ އަގު ވަރަށް ބޮޑަށް ވެއްޓި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން ތެހެރާންގެ ބާޒާރުގެ ވިޔަފާރިވެރިން ފެށި ހަޅުތާލަކުންނެވެ. އެހެން ނަމަވެސް މިހާރު މި ހަލުތާލު އިތުރަށް ފުޅާވެ، ފެތުރިފައިވާ ވަރުގަދަ ހަރަކާތަކަށް ވަނީ ވެފަ އެވެ.
އަކްޝޭ ކެނެޑާގެ ރައްޔިތުކަން ހޯދީ ކީއްވެ؟
އިންތިޚާބާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރޭ
މީހުން "ފިޓް" ވުމުން ޗިޗާ އުފާވޭ!