އީރާނުގައި ކުރިއަށްދާ މުޒާހަރާތަކާއި ގުޅިގެން ވަރުގަދަ އަސްކަރީ ފިޔަވަޅުތަކާއެކު އެމެރިކާއިން އެ މައްސަލައިގެ ތެރެއަށް ވަންނަން ވިސްނަވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގައި ހަމަނުޖެހުންތަކާއި ގުޅިގެން އެ ގައުމާއި މެދު އެޅޭނެ "ވަރުގަދަ ފިޔަވަޅުތަކެއް" އެމެރިކާގެ އަސްކަރިއްޔާއިން ވަރަށް ސީރިއަސްކޮށް ދިރާސާކުރަމުންދާ ކަމަށެވެ.
މީގެ ކުރިންވެސް ޓްރަމްޕް ވަނީ އީރާނު މުޒާހަރާގެ ބައިވެރިން މަރާނަމަ، އެމެރިކާއިން އެކަމުގެ ތެރެއަށް ވަންނާނެ ކަމަށް ބުނެ އީރާނަށް އިންޒާރު ދީފަ އެވެ. އެ އިންޒާރާއެކު އީރާނުން މަޝްވަރާ ކުރަން އެދުނު ކަމަށްވެސް ޓްރަމްޕް ރޭ ވަނީ ވިދާޅުވެފަ އެވެ. މަސްވަރާގެ ބައްދަލުވުމެއް ބޭއްވުމުގެ އިންތިޒާމުތައް ކުރިއަށް ދާ ކަމަށް އޭނާ ވީދާޅުވި އެވެ. ނަމަވެސް، އެ ބައްދަލުވުމުގެ ކުރިން ވެސް އީރާނާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.
އީރާނާ މެދު އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަންގާރަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ޓްރަމްޕް ވަނީ ނިންމަވާފަ އެވެ. އެމެރިކާއި އަޅަން ވިސްނާ ފިޔަވަޅުތަކުގެ ތެރޭގައި އަސްކަރީ ހަމަލާތަކާއި، ސައިބަރ ހަމަލާތަކާއި، ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން، އީރާނުގައި އިންޓަނެޓްގެ ހިދުމަތް ކެނޑިފައިވާތީ، އީލޮން މަސްކްގެ ސްޓާލިންކް މެދުވެރިކޮށް އެ ގައުމަށް އިންޓަނެޓް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ޓްރަމްޕް މަޝްވަރާ ކުރާނެ ކަމަށް ބުނެފައި ވެއެވެ.
އެމެރިކާގެ އިންޒާރާއި ގުޅިގެން އީރާނުންވެސް ވަނީ އެކަމަށް ވަރުގަދަ ރައްދު ދޭނެ ކަމަށް ބުނެފަ އެވެ. އެގޮތުން އީރާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަންނަ ނަމަ އިޒްރޭލުގެ ބިންތަކާއި، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަނަވަރުތަކަށް އީރާނުން ހަމަލާދޭނެ ކަމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވަނީ ވިދާޅުވެފަ އެވެ.
އީރާނުގައި މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާތައް ހޫނުވެ ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި މުޒާހަރާތައް ފުރަތަމަ ފެށުނީ އީރާނުގެ ފައިސާ، ރިއާލްގެ އަގު ވަރަށް ބޮޑަށް ވެއްޓި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން ތެހެރާންގެ ބާޒާރުގެ ވިޔަފާރިވެރިން ފެށި ހަޅުތާލަކުންނެވެ. އެހެން ނަމަވެސް މިހާރު މި ހަލުތާލު އިތުރަށް ފުޅާވެ، ފެތުރިފައިވާ ވަރުގަދަ ހަރަކާތަކަށް ވަނީ ވެފަ އެވެ.
މުޒާހަރާތައް މުޅި ގައުމަށް ފެތުރިގެން ގޮސްފައިވާއިރު، މިހާރު މުޒާހަރާގެ ބައިވެރިން ދަނީ 1979 ވަނަ އަހަރުން ފެށިގެން އީރާނުގައި އޮތް ދީނީ ވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ގއ. އަތޮޅާއި މާލޭގައި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް ހިންގަނީ
ފުސްވެފައިވާ އުޑުމަތި މަޑުމަޑުން ސާފުވާން ފަށައިފި
ޑްރަގްގެ ބޮޑު މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި