އާދީއްތަ ދުވަހުގެ ރޭ ކެލިފޯނިއާގެ ބެވާލީ ހިލްސްގައި ބޭއްވި 83 ވަނަ ގޯލްޑަން ގްލޯބް އެވޯޑްސްއާއެކު 2026 ވަނަ އަހަރަށް ހޮލީވުޑްގެ އެވޯޑްތަކުގެ "މޫސުން" ފަށައިފި އެވެ.

ޖެހިޖެހިގެން ދެވަނަ އަހަރު ކޮމީޑިއަން ނިއްކީ ގްލޭޒާ އެ ހަފްލާ ހުށައަޅައިދީފައިވާއިރު ހަފްލާގެ ތެރެއިން ހޮލީވުޑްއާއި ޓީވީގެ މަޝްހޫރު މޫނުތަކެއް ފެނިފައިވެ އެވެ.

މިދިޔަ އަހަރު ރިލީޒް ކުރެވުނު އުފެއްދުންތައް ހިމަނައިގެން ކުރިއަށްދިޔަ އެ އެވޯޑްތަކަށް ގިނަ އުފެއްދުންތަކެއް ނޮމިނޭޓްވި ނަމަވެސް އިއްޔެ ރޭގެ ހަފްލާގައި ފާހަގަވެފައިވަނީ މަދު ފިލްމެކެވެ.

އެގޮތުން ހަފްލާގެ އެންމެ ގިނަ އެވޯޑްތަކާއެކު އެންމެންގެ ލޯތައް އަމާޒުވީ ޕޯލް ތޯމަސް އެންޑާސަންގެ ކާމިޔާބު ފިލްމު "ވަން ބެޓަލް އާފްޓާ އަނަދާ" އަށެވެ.

އެގޮތުން އެ ފިލްމު ނޮމިނޭޓް ވެފައިވާ ކެޓަގަރީތަކުގެ ތެރެއިން ހަތަރު ކެޓަގަރީއަކުން އެވޯޑް ލިބިފައިވާއިރު އޭގެ ތެރޭގައި ބެސްޓް ސްކްރީން ޕްލޭ، ބެސްޓް ޑިރެކްޓަރ، ބެސްޓް ސަޕޯޓިން އެކްޓަރ - އަންހެން، ބެސްޓް މޯޝަން ޕިކްޗާ - ކޮމެޑީ ހިމެނެ އެވެ.

އެހެން ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ އެ ފިލްމުގެ ލީޑު ރޯލު ކުޅުނު ލިއޮނާޑޯ ޑިކެޕްރިއޯއަށް ބެސްޓް އެކްޓަރ - ފިރިހެން ގެ އެވޯޑު ލިބިފައި ނުވާ ކަމެވެ. އެ ކެޓަގަރީއިން އެވޯޑް ހޯދީ މާޓީ ސުޕްރީމްއިން ފެނިގެންދިޔަ ޓިމޮތީ ޗަލަމެޓް އެވެ.

ފީޗާ ފިލްމުތަކުގެ ބައިން "ވަން ބެޓަލް އާފްޓާ އަނަދާ" ވިދާލިއިރު ޓެލެވިޒަން ކެޓަގަރީއިން އެންމެ ބޮޑަށް ވިދާލީ ނެޓްފްލިކްސް ސީރީޒް "އެޑޮލެސެންސް" އެވެ. އެ ސީރީޒްއަށް ވެސް ހަތަރު އެވޯޑް ލިބުނެވެ.

ގޯލްޑަން ގްލޯބް އެވޯޑްސްއާއެކު އަހަރުގެ އެވޯޑުތައް ފަށާފައިވާއިރު ކުރިއަށް އޮތް އޮސްކާ އެވޯޑް އޮންނާނީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ.