މި އަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ޖުމްލަ 1،356 މެންބަރުން ހޮވަން ބާއްވާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް އޮންނާނެ ކަމަށެވެ. ސުންގަޑި ހަމަވާނީ އެ ދުވަހުގެ މެންދުރު ފަހު 3:30 އަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ، ރަސްމީ ގަޑިތަކުގައި ކަމަށާއި އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 3:30 އަށް ފޯމް ބަލައިގަންނާނެ ކަމަށެވެ. އަދި ހުކުރު ދުވަހު 3:30 އިން 6:00 އަށް ވެސް ފޯމް ބަލައިގަންނާނެ ކަމަށް ބުންޏެވެ.
ދެ އިންތިޚާބަށް ވެސް ކުރިމަތިލާން ހުށަހަޅާނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި ދައްކަން ފަރާތްތަކުން ދައްކަން ޖެހޭ އިދާރީ ފީ ވެސް ދައްކާނީ ޕޯޓަލް މެދުވެރިކޮށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.
މި އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. އެގޮތުން ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިހާބު ކުރަންޖެހޭ އިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެ އެވެ.
އެހެންވެ މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1،356 މެންބަރުން އިންތިޚާބުވެގެން ދާނެ އެވެ.
ވޯޓާސް ލިސްޓުން ދައްކާ ގޮތުގައި ކައުންސިލް އިންތިޚާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކޮށްފި
ބާޒާރު ކުރާއިރު ހަރަދު ކުޑަ ކުރަން ދެތިން އުކުޅެއް!
ޒާތީ ދިރިއުޅުމުގެ ކަންކަން ސޯޝަލް މީޑިއާގައި ހިއްސާކުރަން ޖެހޭތަ؟