އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހުމާއި އަރިދަފުސް ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

އަލަށް ގާއިމުކުރި ފްލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ފްލޫ ކްލިނިކަށް ހިދުމަތް ހޯދުމަށް ފުރަތަމަ އީ.އާރް ޓްރައިޖަށް ދިއުމަށް އެ ހޮސްޕިޓަލުން އެދެ އެވެ. އެއަށްފަހު ކިއުބީ ޓޯކެން ސިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް ޓްރައޭޖްއިން އިރުޝާދު ދޭނެކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.

މިދުވަސްވަރަކީ ހުމާއި ރޯގާ އިތުރު ދުވަސްވަރަކަށް ވާއިރު، ރާއްޖޭގެ ގިނަ ރަށްރަށުގައި ހާއްސަކޮށް މާލެ ސަރަހައްދުގައި އާދަޔާ ހިލާފަށް ފުލޫ ފެތުރޭކަން ފާހަގަކުރެވެ އެވެ. ޑެންގޫ ހުން ފެތުރޭ މިންވަރުވެސް އިތުރުވަމުން އަންނަ ކަމަށް އެޗްޕީއޭއިން ނިމިދިޔަ ހަފްތާގައި ބުނެފައިވެ އެވެ.