ދާހިއްލުމަކީ އާންމު ކަމެއް ނަމަވެސް ސަބަބަކާ ނުލައި މާ ގިނައިން ދާހިތްލާނަމަ، އެއީ ކީއްވެގެން ވާ ކަމެއްތޯ ބެލުމަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިއްމު ކަމެކެވެ.

އެގޮތުން އާދަޔާހިލާފަށް ދާހިތްލާނަމަ އެކަންކަމުގެ ފަހަތުގައިވާ ސަބަބު ހޯދައި އެކަމަކަށް ވަގުތުން ވަގުތަށް ފަރުވާ ހޯދަން ޖެހޭނެ އެވެ. އެފަދަ ބައެއް ސަބަބުތަކަށް ބަލާލާނަމެވެ.

ފެން މަދުވުން

ފެނަކީ ހަށިގަނޑު ތާޒާކޮށް ބެހެއްޓުމަށް ބޭނުންވާ ބުއިމަކަށްވާއިރު ބޯން ޖެހޭ ވަރަށް ފެން ނުބޮވޭ ނަމަ ކޮންމެ ދުވަހަކު ހަށިގަނޑުން ބޭރުވާން ޖެހޭ ބައި ބޭރު ނުވެ އިތުރު ސިއްހީ މައްސަލަތަކަށް މަގުފަހިވެ އެވެ. ކޮންމެ ދުވަހަކު މަދުވެގެން 8 ތަށި ފެން ބުއިމަށް ސިއްހީ މާހިރުން ބުނެ އެވެ.

ހޫނުފެނުން ފެންވެރުން

ހަށިގަނޑުގެ ހޫނުމިނަށް ވުރެ މަތިން ފެންވެރުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެއް ނަމަވެސް އެއީ ދާހިތްލުމަށް މަގުފަހިވާ ކަމެކެވެ. އޭގެ ބަދަލުގައި ފިނިފެނުން ފެންވަރާށެވެ. އަދި އެންޓި ބެކްޓީރިއަލް ސައިބޯންޏެއް ބޭނުން ކުރާށެވެ. އެ ކަމުން ދަލާއެކު ގައިން ދުވާ ނުބައި ވަސް ވެސް ކުޑަ ކޮށްދޭނެ އެވެ.

ކެފެއިން ގިނަވުން

ކޮފީތަކަށް އެރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެގޮތުން ދުވާލަކު ދެތިން ފަހަރަށް ކޮފީއަށް ރައްޓެހިން އެކީ މޭޒެއް މައްޗަށް ނާރާ ބައެއް މަދުވާނެ އެވެ. ކެފެއިންގެ ސަބަބުން އެންޒައެޓީ އަށް މަގުފަހި ވާތީ، ހަށިގަނޑުން ގިނައިން ދާހިއްލަން މެދުވެރިވެ އެވެ.