އުމުރުން 13 އަހަރަށްވުރެ ހަގު އުމުރުގައި ސްމާޓް ފޯން ބޭނުންކުރަން ފަށާ ކުޑަ ކުދިން އެ ކުދިންގެ ޒުވާން އުމުރުގައި ނަފްސާނީ ބައްޔަށް ހުށައެޅުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ 100،000 އަށްވުރެ ގިނަ ޒުވާނުން ހިމަނައިގެން ކޮށްފައިވާ އެ ދިރާސާއިން އެނގުނު ގޮތުގައި އެ އުމުރުުގައި ނަފްސާނީ ބަލި ތަހައްމަލުކުރާ ގިނަ ޒުވާނުންނަކީ އުމުރުން 13 އަހަރު ނުވަނީސް ފޯނު ބޭނުންކުރަން ފެށި ކުދިންނެވެ.

އެ ފަދަ ޒުވާނުންގެ މެދުގައި ޑިޕްރެޝަން، އެންޒައިޓީ، ރުޅިގަދަވުން އަދި އަމިއްލައަށް މަރުވުމުގެ ހިޔާލުތައް ގިނަކަން ދިރާސާއިން އެނގިފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެން ކުދިންނެވެ.

އެގޮތުން ސްމާޓް ފޯނު ބޭނުންކުރަން ފަށާ އުމުރު އަވަސް ވީ ވަރަކަށް ޒުވާން އުމުރުގައި އޭގެ ސަބަބުން ނަފްސާނީ ސިއްހަތަށް ކުރާ އަސަރު ބޮޑުވާ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެހެން ކަމުން އުމުރުން 13 އަހަރަށްވުރެ ހަގު ކުދިން ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ސޯޝަލް މީޑިއާއާ ދުރުގައި ގެންގުޅުމަށް ދިރާސާވެރިން ބެލެނިވެރިންނަށް އިލްތިމާސް ކޮށްފައިވެ އެވެ.

އޭގެ ބަދަލުގައި ހެދިބޮޑުވަމުން އަންނަ ދުވަސްވަރު އެހެން ކުދިންނާ ގުޅިގެން ކުރަންޖެހޭ ހަރަކާތްތައް އިތުރު ކުރުމާއި ޖިސްމާނީ ކަސްރަތު ލިބޭ ފަދަ ހަރަކާތްތަކުގައި ބައިވެރި ކުރުން މުހިއްމު ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.