މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ އަދި އެތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ ކަމުގެ ތުޙުމަތުގައި ހައްޔަރުކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓުު) ހިމެނޭހެން ފަސް މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފި އެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ފެބްރުއަރީ މަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޕެސްޓުގެ އިތުރުން ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫން އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަހްމަދު ހުސާމް އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުޙައްމަދު ސުއައިދު އަދި ކ. މާލެ/ މ.އަސަރީހަދާން، ޢާއިޝަތު ހަސްނާ ނާހިދު އެވެ.

އެ އޮޕަރޭޝަންގައި ފުލުހުން ވަނީ ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފަ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)އިން ބުނީ 13 ފެބްރުވަރީ 2021 ދުވަހު، ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތި މއ. ވީމާގޭގައާއި، ގ.ރިހިއަވިގޭގައާއި، މައްސަލާގައި ދައުވާލިބޭ މީހުންނާ ގުޅުންހުރި ތަންތަނުގައި އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަމަށެވެ.

އެ މައްސަލާގައި ޕެސްޓުގެ މައްޗަށް ވަނީ ފަސް ދަޢުވާއެއް އުފުލާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުުވާ އެވެ.

ދައުވާތަށް ސާބިތުުވެއްޖެނަމަ ޕެސްޓަށް އުމުރު ދުވަހުގެ ހުކުމެއް އަންނާނެ އެވެ.

ލ.ގަން-ތުނޑި، އަބަދަށްއުފާ، މުޙައްމަދު ސުއައިދުގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.

ދެން ދައުވާކުރަން ފޮނުވާ ލ. ގަން-ތުނޑި، ރޯޝަންހިޔާ، އަހުމަދު ހުސާމްގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި މ.އަސަރީހަދާން، ޢާއިޝަތު ހަސްނާ ނާހިދުގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ކެނެބިހުން މުޢާމަލާތުކުރުމުގެ ކުށުގެ ދައުވާ އެވެ.

މީގެ އިތުރުން ލ. ގަން-ތުނޑި، ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫންގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާ އެވެ.