އިޒްރޭލޭއި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފޭސްގައި އުފެއްދުމަށް ނިންމި "ބޯޑް އޮފް ޕީސް" އަކީ ޣައްޒާގެ މައްސަލަ ހައްލުކުރުމަށްވުރެ ބޮޑު މެންޑޭޓެއް އޮތް ބޯޑެއްގެ ގޮތުގައި ސިފަ ކުރަން ފަށާފައިވަނިކޮށް، އެ ބޯޑަކީ އދ ގެ ބަދަލުގައި މަސައްކަތް ކުރާނެ ބޯޑަކަށް ވެދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ ޕްލޭނާއި އެއްގޮތަށް އިޒްރޭލުން ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްފަހު، މި މަހު އެކުލަވާލި "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ދުނިޔޭގެ ވެރިންނަށް ޓްރަމްޕް ގެންދަވަނީ ދައުވަތު ދެއްވަމުންނެވެ.
ޓްރަމްޕް މިކަމާއި ގުޅޭގޮތުން ބަހެއް ވިދާޅުވުމުގެ ކުރިން ދުނިޔޭގެ މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ވަނީ ބޯޑް އޮފް ޕީސް އަކީ ޓްރަމްޕްގެ އދ ގެ ގޮތުގައި ސިފަކޮށްފަ އެވެ. އެގޮތުން އެ ބޯޑުގެ ދާއިމީ މެންބަރުކަން 1 ބިލިއަން އެމެރިކާ ޑޮލަރަށް ދީގެން ގަންނަން ޖެހޭ ކަމަށްވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ބޯޑް އޮފް ޕީސްގެ ރިޔާސަތު ޓްރަމްޕަށް ދާއިމީކޮށް ލިބޭނެފަދަ ގޮތަކަށް ގަވައިދު ހަދާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ބޯޑް އޮފް ޕީސް އާ ގުޅޭގޮތުން މި އަޑުތައް ފެތުރިފައި މިވަނީ ސްވިޒަލޭންޑްގައި ކުރިއަށްދާ ދުނިޔޭގެ އިކޮނޮމިކް ފޯރަމްގައި ބައިވެރިވަޑައިގަތުމަށް ޓްރަމްޕް ނިންމަވާފައިވާ ދަނޑިވަޅުގައި ނޭޓޯގެ ގައުމުތަކުން ޓްރަމްޕް ގްރީންލޭންޑް ހިފުމަށް ރާވަމުންދާ ރޭވުންތަކާއި މެދު ނުރުހުން ފާޅުކުރަމުން ދާވަގުތެއްގައިކަން ފާހަގަކޮށްލެވެ އެވެ.
ޣައްޒާގައި ބޯޑް އޮފް ޕީސްގެ ދައުރު
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފޭސް ދެއެއްގައި އުފެއްދި ބޯޑަކީ ޣައްޒާ އަލުން އާރާސްތުކޮށް، ސަރަހައްދީ ގުޅުންތައް ގާއިމްކޮށް، ފަންޑު އިތުރުކޮށް، ޣައްޒާގައި ސުލްހަ ގާއިމްކުރުމަށް އުފައްދާ ބޯޑެއް ކަމަށް ކުރިން އެމެރިކާއިން ވަނީ ބުނެފަ އެވެ.
އެމެރިކާއިން ވަނީ ބޯޑް އޮފް ޕީސް އިން ފުރަތަމަ އިސްކަން ދޭނީ ޣައްޒާގެ މައްސަލައަށް ކަމަށް ބުނެފަ އެވެ.
ބޯޑްގެ ފައުންޑިން މެންބަރެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހަމަޖެއްސެވިކަން ޓްރަމްޕް ވަނީ ހުކުރުދުވަހު އިއުލާން ކުރައްވާފަ އެވެ. އޭގެ އިތުރުން ޓްރަމްޕްގެ ދަނބިދަރިކަލުން ޖަރެޑް ކުޝާ އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި އެމެރިކާގެ މެދުއިރުމަތީގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިކޮފް ވެސް ބޯޑްގައި ވަނީ ހިމަނުއްވާފަ އެވެ.
ރަޝިޔާއާއި ޗައިނާއަށް ވަނީ ދައުވަތު ދީފައި
ޓްރަމްޕްގެ ބޯޑް އޮފް ޕީސްގައި ބައިވެރިވުމަށް ގިނަ ގައުމުތަކަކަށް ދައުވަތު ދީފައިވާއިރު މިހާތަނަށް ޔުނައިޓަޑް އަރަބި އެމިރޭޓްސް އާއި ބަހުރޭނުން ވަނީ ދައުވަތު ގަބޫލުކޮށްފަ އެވެ. ގިނަ ގައުމުތަކުން މި ދައުވަތަށް ވަކި އެއްޗެއް ބުނެފައިނުވާއިރު، ފްރާންސުން ވަނީ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ގަބޫލުނުކުރަން ނިންމާފަ އެވެ.
މީގެ އިތުރުން ދުނިޔޭގެ ބޮޑު ދެ ބާރުގެ ގޮތުގައި އޮތް ރަޝިޔާ އާއި ޗައިނާއަށް ވެސް ދައުވަތު ފޮނުވާފައިވާއިރު، މިކަމާއި ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ރަޝިޔާ އަކީ ހަނގުރާމައަށް ހިތްވަރުދޭ ގައުމެއްކަމަށާއި، ސުލްހައަށް މަސައްކަތްކުރާނީ ކިހިނެތްތޯ ދަނީ ސުވާލު އުފައްދަމުންނެވެ.
ރަޝިޔާ އާއި ޗައިނާއިން މި ދައުވަތާއި މެދު އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ބައެއް އޮފިޝަލުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓްރަމްޕް އދ ގެ ޗާޓާއަށް ގޮންޖައްސަވަމުން ގެންދަވާއިރު، އުފައްދަން މަސައްކަތް ކުރާ ބޯޑް އޮފް ޕީސްއަކީ އދ ފަދަ ބައިނަލްއަގުވާމީ އޯގަނައިޒޭޝަނެއްގެ ގޮތުގައި ބޯޑުގެ "ޗާޓާ" ގައި ލިޔެފައިވުމެވެ.
އަންގާރަ ދުވަހު ޓްރަމްޕް ވައިޓްހައުސްގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ބޯޑު އޮފް ޕީސް އިން އދ ރިޕްލޭސްކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އދ އަށް ކަންކަން ނުކުރެވޭކަން ފާހަގަކުރައްވަމުން ވިދާޅުވީ އދ އިން ޓްރަމްޕް ހަމަޖެއްސެވި ގޮތަށް ގައުމުތަކުގެ ހަނގުރާމަތައް ހުއްޓުވައި ސުލްހަ ގާއިމު ނުކުރެވުނު ކަމަށެވެ.
ބެކަމް އާއިލާގެ މެދުގައި ހާޖާނު ބޮޑުވެއްޖެ
ދިރާގުގެ އާ ޕާޓްނާ ފިހާރައާއެއް ހުޅުމާލޭގައި ހުޅުވައިފި
އުތުރާއި މާލެ ސަރަހައްދަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު