ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ރިޑަންޑެންސީ ޕޮލިސީއަށް ބަދަލު ގެނެސް އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުން ފަސޭހައިން ވަޒީފާއިން ވަކިކުރެވޭ ގޮތް ހަދައިފި އެވެ.
އެޗްޑީސީގެ ބޯޑުން މި މަހު 11، ގައި ނެރުނު މެމޯއެއްގައި ބުނެފައި ވަނީ ކުންފުނީގެ ރިޑަންޑެންސީ ޕޮލިސީގެ 1.1 ވަނަ މާއްދާއަށް ބަދަލު ގެންނަން ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމާ އެއްގޮތަށް އަމަލު ކުރަން ފެށީ މި މަހުގެ އަށްވަނަ ދުވަހު އެވެ.
އެޗްޑީސީގެ ބޯޑުން ގެނައި ބަދަލުތަކުގެ ތެރޭގައި މަސައްކަތްތައް ތަރުތީބު ކުރުމަށްޓަކައި އެ ކުންފުނީގެ އޮޕަރޭޝަނަލް އޮނިގަނޑަށް ގެންނަ ބަދަލަކާ ގުޅިގެން ވަޒީފާއިން ވަކިކުރުމުގެ ބާރު ކުންފުންޏަށް ލިބެއެވެ.
މުވައްޒަފަކު މަސައްކަތް ކުރަމުންދާ ޑިޕާޓުމެންޓެއް އުވައިލައިފި ނަމަ ނުވަތަ އުވައިލަން ނިންމައިފި ނަމަ، އެ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުން ވަކި ކުރުމުގެ ބާރު ވެސް ކުންފުންޏަށް ލިބެ އެވެ.
މުވައްޒަފަކު ވަޒީފާއަށް ނަގާއިރު، ވަކި މަސައްކަތެއް ކުރުމަށްޓަކައި އެ މީހެއްގެ ގައިގައި ހުންނަ ޝަރުތު އުނިވެއްޖެ ނަމަ، ނުވަތަ އުނިވެދާނެ ކަމަށް ފެންނަ ނަމަވެސް އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގެ ބާރު ކުންފުންޏަށް ލިބެ އެވެ.
ކުންފުނި ހިންގުމަށް ގެންނަ ބަދަލާ ގުޅިގެން ވަކި މަސައްކަތަކީ ކުންފުންޏަށް ބޭނުންތެރި މަސައްކަތެއް ނޫން ކަމަށް ފެނިއްޖެ ހިނދެއްގައި އާއި ގައުމުގެ އިގުތިސާދަށް ނުވަތަ ކުންފުނީގެ މާލީ ހާލަތަށް އަންނަ ހީނަރުކަމަކާ ގުޅިގެން ވެސް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ ބާރު އުސޫލަށް ގެނައި ބަދަލުން ލިބެ އެވެ.
އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ މިއީ މި ސަރުކާރުން ވަޒީފާއިން ވަކިކުރަން ބޭނުންވެފައިވާ އެ ކުންފުނީގެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.
މި ގެނައި ބަދަލާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާނެ ކަމަށް އެ ކުންފުނީގެ ބައެއް މުވައްޒަފުން ކިޔައިދިނެވެ.
ބީއެމްއެލް އިން ބެކް ޓު ސްކޫލް ކެމްޕޭނަށް އެހީތެރިވެއްޖެ
ލީގަލް އޮފިސަރުންގެ މުސާރަ ކުޑަވި މައްސަލަ މަޖިލީހަށް
