އެމެރިކާއިން އަޑީގައި އޮވެގެން ޔަހޫދީ އިޒްރޭލުގެ އަސްކަރިއްޔާއިން ސުންނާފަތިކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާ އަލުން އާރާސްތު ކުރާނެ ގޮތުގެ ރޭވުންތައް އެމެރިކާއިން ހުށަހަޅައިފި އެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ހަމަލާތައް ނަމެއްގައި މެދުކަނޑާލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު އެމެރިކާއިން އިސްވެ ގާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ އެއްބަސްވުން ކުރިއެރުވުމަށް ޣައްޒާ ތަރައްގީކުރުމުގެ ރޭވުންތައް ހާމަކޮށްފައި ވަނީ ޣައްޒާ ހިންގާނެ ސުލްހައިގެ ބޯޑު ރަސްމީކޮށް އިފްތިތާހު ކުރުމަށް ސްވިޒަލެންޑުގެ ޑަވޮސްގައި ބުރާސްފަތި ދުވަހު ބޭއްވި ހަފްލާއަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން އަދި މުޝީރު ޖާރިޑް ކުޝްނާ އެވެ.
އެމެރިކާއިން ހުށަހަޅާފައި ވަނީ ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާގައި މީހުން ދިރިއުޅޭ އުސް ޓަވަރުތަކާއި ޑާޓާ ސެންޓަރުތަކާއި އަތިރިމަތީ ރިސޯޓުތައް ތަރައްޤީ ކުރުމަށެވެ. އެމެރިކާގެ ހުށަހެޅުމުގެ ކުރެހުންތަކުން ސިފަ ވަނީ ސިންގަޕޫރާއި ދުބާއީ ފަދަ ސިޓީތަކެވެ.
އެމެރިކާއިން އެ ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ޣައްޒާގެ ހިންގުމާ ހަވާލުވާ ސުލްހައިގެ ބޯޑާ ގުޅުންހުރި މަސައްކަތެއްގެ ގޮތުގަ އެެވެ. މަސައްކަތް ފެށިގެންދާނީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ޣައްޒާގެ ރަފަޙުން ކަމަށް ކުޝްނާ ވިދާޅުވެފައިވެއެވެ.
ނަމަވެސް އެމެރިކާއިން ހާމަކުރި މައުލޫމާތުން އެ މަސައްކަތަށް ހަރަދުކުރާނީ ކޮންބައެއްތޯ އާއި ގެދޮރު ގެއްލި ނިކަމެތިވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނީ ކިހިނެތްތޯއާއި އިމާރާތްތަކާއި ބިންތަކުގެ ގާނޫނީ ވެރިންނަށް ވާނީ ކޮން ބައެއްތޯ އާއި ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ސިފައެއްގައި ބަދަލެއް ލިބޭނެތޯއާ މި ފަދަ މުހިންމު ސުވާލުތަކަށް ޖަވާބެއް ލިބިފައެއް ނުވެ އެވެ. ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މި މައްސަލަތަކަށް ހައްލެއް ހޯދޭނެ ނިޒާމެއް އެމެރިކާގެ ހުށަހެޅުމުގައި ހިމަނާފައެއް ނުވެއެވެ.
މީގެ ކުރިން ވެސް އެެމެރިކާއިން ވަނީ ވަރަށް ޒަމާނީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ޣައްޒާ ތަރައްގީ ކުރުމަށް ބޭނުންވާ ކަމަށް ބުނެފަ އެވެ. އެމެރިކާއިން މިހާރު ހުށަހަޅާފައިވާ ހުށަހެޅުމުގައި އެ ރޭވުންތަކާ އެއްގޮތް ކަމެއް ހުންނަ ކަމަށް ފާހަގަވެ އެވެ.
ޣައްޒާ އަލުން އާރާސްތުކުރާނެ ގޮތުގެ ރޭވުންތައް އެމެރިކާއިން ހުށަހަޅާފައިވާއިރު ޔަހޫދީން އަދިވެސް ދަނީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ހިލާފަށް ޣައްޒާއަށް ތަކުރާރުކޮށް ހަމަލާތައް ދެމުންނެވެ.
ސްޕޯޓްސް އެވޯޑް ހަފުލާ އަންނަ މަހު ބާއްވަނީ
ލޮނު ބޭނުން ކުރެވޭ މިންވަރަށް ސަމާލުވާންވީ މިހެންވެ!