އަވަށްޓެރި ސްރީ ލަންކާގެ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ ނުވަރަ އެލިޔާގެ ފިނިހޫނުމިން އާންމުކޮށް މިދުވަސްވަރު ދަށް ނުވާ ވަރަށް ދަށްވެ، ބައެއް ހިސާބުތަކަށް ފޭބިފެން ގަނޑުވާ ވަރަށް ފިނިވެއްޖެ އެވެ.
ޓޫރިސްޓުންގެ މަގުބޫލު ފިނި މަންޒިލެއް ކަމަށްވާ ނުވަރަ އެލިޔާއަކީ އަހަރުގެ އެކި ދުވަސްވަރު ހިތްގައިމު ފިނި މޫސުމެއް އޮންނަ ސަރަހައްދެކެވެ. އާންމުކޮށް އެތަނަށް އެންމެ ފިނި ވަނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އެ ގައުމުގެ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީން ބުނީ ނުވަރަ އެލިޔާގައި 5 ޑިގްރީ ސެލްސިއަސް އަށް ފިނިހޫނުމިން ދަށަށް ދިޔަ ކަމަށް އިއްޔެ ރިކޯޑު ކުރެވިފައިވާ ކަމަށެވެ. މި ފިނީގައި އިއްޔެ ހެނދުނު ބައެއް ހިސާބުތަކުގައި ވަނީ ފިނި ގަނޑުވެ [ފްރޮސްޓް] ގެ އަސަރު ކޮށްފަ އެވެ.
ނުވަރަ އެލިޔާއަށް މިފަހަރު އެންމެ ފިނިވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ފިނިހޫނުމިން 3.5 ޑިގްރީ ސެލްސިއަސް އަށް ވެއްޓިފަ ވާކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ބުންޏެވެ.
އާންމުކޮށް ނުވަރަ އެލިޔާއަށް 'ފްރޮސްޓް"ގެ ގޮތުގައި ފިނި ފެންނަނީ ޑިސެމްބަރު މަހު އެ ސަރަހައްދަށް ފިނި މޫސުން ފެށޭއިރު އެވެ. ނަމަވެސް މިދުވަސްވަރުގެ އިތުރުން މި މަހުގެ ކުރީކޮޅުވެސް ފްރޮސްޓުގެ އަސަރު ކުރި ކަމަށް ލަންކާގެ ބައެއް ބޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ފްރޮސްޓުގެ އަސަރު ކުރި ތަންތަނުގެ ތެރޭގައި ނުވަރާ އެލިއާ ރޭސްކޯހާއި ލޭކް ގްރެގޮރީ ގްރައުންޑްސް ހިމެނެ އެވެ.
ދާދިފަހުން ލަންކާއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރޭގައި ނުވަރަ އެލިޔާ ހިމެނެ އެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގެ ސަބަބުން ނުވަރަ އެލިޔާއަށް ދިއުމަށް އޮންނަ މަގުތައް ވަރަށް ބޮޑަށް ހަލާކުވި އެވެ.
ނަމަވެސް މިހާރު އެ ސިޓީއަށް ދަތުރުކުރާ މަގުތައް އާންމުހާލަތެއްގައި އޮތްކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެހެންކަމުން މި ދުވަސްވަރުގެ ފިނި ތަޖުރިބާކޮށްލުމަށް ނުވަރަ އެލިޔާއަށް ދަތުރުކުރުމަށް އެ ސިޓީގެ މުނިސިޕަލް ކައުންސިލްގެ މޭޔަރު އުޕަލީ ވަނިގަސޭކަރަ ވަނީ ޓޫރިސްޓުންނަށް ދައުވަތު ދެއްވައިފަ އެވެ.
ދަންވަރު މާ ގިނައިން ހޭލެވެނީ މިހެންވެ!
ކުދި މަތިންދާ ބޯޓްތަކުން ދެކުނުގެ ހަތަރު އަތޮޅު ގުޅާލަނީ