1960ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ރޮކް ބޭންޑެއް ކަމަށްވާ "ދަ ބީޓަލްސް"ގެ މެމްބަރުންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުތަކުގެ ޓީޒާ އާއްމުކޮށްފި އެވެ.

ސޮނީ ޕިކްޗާސްއިން އެ ކުންފުނީގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ޕޯސްޓެއްގައި ވަނީ ބޭންޑުގެ ލީޑު ތަރިންގެ ރޯލު ކުޅެދޭނެ އެކްޓަރުން ތައާރަފް ކޮށްފަ އެވެ.

އެގޮތުން ޖޯން ލެނަންގެ ގޮތުގައި ހެރިސް ޑިކްސަން ފެނިގެންދާއިރު ޕައުލް މެކްކާޓްނީގެ ގޮތުގައި ފެންނާނީ ޕައުލް މެސްކަލް އެވެ. އެއާއެކު ޖޯޖް ހެރިސަންގެ ގޮތުގައި ޖޯސެފް ކުއިންއާއި ރިންގޯ ސްޓާގެ ރޯލުން ބެރީ ކިއޯގަން ވެސް ފެނިގެންދާނެ އެވެ.

ބީޓަލްގައި ހިމެނޭ ހަތަރު ތަރިންގެ ހަޔާތް ވަކިވަކިން ގެނެސްދޭ މި ޕްރޮޖެކްޓް ހަތަރު ފިލްމަކަށް ބެހިގެންދާނެ އެވެ. އެއީ ކޮންމެ ތަރިއަކަށް ފިލްމެކެވެ.

ސޮނީ ޕިކްޗާސްއިން ބުނީ އެ އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ބެލުންތެރިންނާ ހަމައަށް ފިލްމު އަންނާނީ 2028ގައި ކަމަށެވެ.

މި އުފެއްދުމުގެ ފުރަތަމަ ފެނިލުމާއެކު ގިނަ ބަޔަކު އަންނަނީ ފިލްމަށް އެކްޓަރުން ނަގާފައިވާ ގޮތް ވަރަށް މޮޅު ކަމަށް ބުނެ ތައުރީފު ކުރަމުންނެވެ.