ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަވީރަށް ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުންގެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިން ބުނެފި އެވެ.

އެ ކޮމިޝަނުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަވީރު 5:30 އަށް ހަމަވިއިރު ޖުމުލަ 3،547 މީހަކު ހުށަހެޅި އެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 1،936 މީހުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ފޯމު ހުށަހެޅި 1،611 މީހުންނެވެ.

އޭގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޝަރުތު ހަމަވެ، ކެންޑިޑެސީ ގަބޫލުކުރީ އީސީން ބުނި ގޮތުގައި 1،610 މީހުންގެ އެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަވީ 1،383 މީހުން ކަމަަށް އެ ކޮމިޝަނުން ބުންޏެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ. އެ މުއްދަތު އިތުރުކޮށްދިނުމަށް އިދިކޮޅު އެމްޑީޕީން އެދުނަސް އެކަން ކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ވަނީ ދެކޮޅު ހަދާފަ އެވެ.