ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް އުފައްދާ ބައޮޕިކް "މައިކަލް"ގެ ޓްރެއިލާ އާއްމުކޮށްފި އެވެ.

އެ ޓްރެއިލާގައި މައިކަލްގެ މިއުޒިކީ އަދި ޒާތީ ހަޔާތުގެ އުސްއަލިތައް ފެނިގެންދާއިރު ބެލުންތެރިންގެ ޝައުގުވެރިކަން ދަމައިގަންނަ އެތައް ކަމެއް ފެނިގެންދެ އެވެ.

އެގޮތުން މައިކަލްގެ އެންމެ މަޝްހޫރުވި އެއް ލަވަ ކަމަށްވާ "ތްރިލާ"އާއި އޭނާގެ ސިގްނޭޗާ ޑާންސް ސްޓެޕް ކަމަށްވާ "މޫންވޯކް" ވެސް ޓްރެއިލާގައި ފެނިގެންދެ އެވެ.

މި ފިލްމަކީ މައިކަލްގެ ޅަފަތުގެ ދައުރުން ފެށިގެން އޭނާގެ މިއުޒިކީ ހަޔާތާއި ކުއްލި މަރާ ގުޅޭ ކަންކަން ވެސް ފެނިގެންދާނެ ފިލްމަކަށް ވާނެ އެވެ.

"މައިކަލް"ގައި މައިކަލް ޖެކްސަންގެ ރޯލުން ފެނިގެންދާނީ އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމަށްވާ ޖާފަރް ޖެކްސަން އެވެ. އޭނާގެ އިތުރުން ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ކޮލްމަން ޑޮމިންގޯ، ނިއާ ލޯންގް އަދި ރަޔާން ހިލް ހިމެނެ އެވެ.

މި ފިލްމުގެ ޓްރެއިލާ ރިލީޒް ކޮށްފައިވާއިރު ފިލްމް ސިނަމާތަކަށް އަންނަން ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ.