ތަޖުރިބާކާރުން ސަރުކާރަށް ދެއްވި ނަސޭހަތް ގަބޫލުނުކޮށް ސަރުކާރުން ގަދަފައި ވިއްދާފައި ކުރަން މިއުޅޭކަމަކީ ދިވެހި ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން އެފަދައިން ވިދާޅުވެފައި މިވަނީ ދިވެހި ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން އިއްޔެ ނިންމި ނިންމުމާމެދު ގިނަ ބަޔަކު ކަންބޮޑުވެ، ސަރުކާރަށް ފާޑުކިޔަމުން ދަނިކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާމް ވިދާޅުވީ ރައްޔިތުން ފަހަށް ރައްކާކޮށްފައިވާ 30 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕެންޝަން ފަންޑާ މެދު ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތަކަކީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތެއް ވުންކަމަށެވެ.
އިމްރާން ފާހަގަކުރެއްވި ގޮތުގައި، ޕެންޝަން ފަންޑު ހިންގަވަން ތިއްބެވި އެންމެ ތަޖުރިބާކާރު ސީއީއޯ އާއި، ބޯޑުގެ ޗެއާޕާސަން ހިމެނޭގޮތަށް މާލީ ދާއިރާގެ އެންމެ ފުންނާބު އުސް މާހިރުން ދެއްވި ނަސޭހަތް ގަބޫލުނުކޮށް ސަރުކާރުން ދަނީ ގަދަފައި ވިއްދާފައި ކުރިއަށެވެ. މިއީ ރައްޔިތުންގެ އަމާނާތަކަށް ވެވޭ ބޮޑު އިހުމާލެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
"މިރާއްޖެ މިއަދު މިދެކޭ ޕެންޝަންގެ ނިޒާމު ފައްކާކުރުމުގައި ފެށުނީއްސުރެ ހިދުމަތްކުރެއްވި ސީއީއޯ އިސްތިއުފާދެއްވާފައި ގެއަށް ވަޑައިގަންނެވުމަކީ މިކަމުގައި އޮތް ބިރުވެރިކަން ވަރަށްބޮޑަށް ހާމަކޮށްދޭ ކަމެއް،" އިމްރާން ވިދާޅުވި އެވެ.
ޕެންޝަން އޮފީހަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އިއްޔެ އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރަނީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިންނެވެ. އެ އޮފީހުގެ ބަޔާނުގައި މި ބޮންޑުތައް ގަންނަނީ އެމްއެމްއޭއިން ކަމެއް ބަޔާންކޮށްފައި ނެތެވެ.
ބޮންޑު ވިއްކާލައިގެން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓުކުރަނީ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރުން ފައިދާ ލިބޭ ބޮންޑަކަށެވެ. މި އިންވެސްޓުމަންޓުގެ އެންމެ ބޮޑު މޮޅެއްގެ ގޮތުގައި ޕެންޝަން އޮފީހުން ދައްކަނީ މި އިންވެސްޓުމަންޓުން ޑޮލަރު ލިބުމެވެ.
"މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ،" ޕެންޝަން އޮފީހުގައި ބަޔާނުގައި ބުންޏެވެ.
ޕެންޝަން އޮފީހުން މިހެން ބުނި ނަމަވެސް، މި މުއާމަލާތާ ގުޅިގެން އެ އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި ކުރީގެ ޗެއާޕާސަން އަހުމަދު އިނާޒާއި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރަން ބޯޑުގައި ހުންނެވި އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ މި މުއާމަލާތުގެ ސަބަބުން އިގުތިސޯދަށް ހުރި ގޮންޖެހުންތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ބޭރު ފައިސާގެ އަގު އުފުލުމާއި ތަކެތީގެ އަގު އުފުލުން ހިމެނެ އެވެ.
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް