ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ކަނޑުގެ މައްސަލައިގައި ފޮނުއްވި ސިޓީފުޅު, އަނބުރާ ގެންނަވަން ނިންމަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވައިދެއްވުމުގެ ގޮތުން އިއްވި ރިޔާސީ ބަޔާނުގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލާގައި، ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލު ކުރައްވަން, ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލު ރައީސް މުއިއްޒު ވަނީ ދެއްވައިފަ އެވެ. ރައީސް މުއިއްޒު ވިދާޅުވީ ޗާގޯސް ނުވަތަ ފޯޅަވަހީގެ ތާރީޚެއް ރާއްޖެއަށް އޮތް ކަމަށާއި، އެއީ އޭރު ވެސް މިހާރު ވެސް ދިވެހީން މަހަށް ނުކުމެ ތިބޭ ސަރަހައްދެއް ކަމަށެވެ.

ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، ރާއްޖޭން 18 ޖަނަވަރީ 2026 ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅާފައި ވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިޓްލޮސްއިން މައްސަލަ ނިންމާފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ކަމަށާއި އެއީ މިދިޔަ ސަރުކާރުން ދޫކޮށްލި ސަރަހައްދެއް ކަމަށެވެ. އެ ކަނޑުގެ ސަރަހައްދު ހޯދަން ގާނޫނީ ގޮތުން މަސައްކަތް ކުރަން ބަންޑާރަ ނައިބަށް އަންގަވައިފައިވާނެ ކަމަށާއި، އެ މައްސަލަ ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓު މިދިޔަ މަހު 22ގައި އެ މަނިކުފާނަށް ހުށަހަޅައިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކެބިނެޓުން މިހާރު ވަނީ އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ފަށާފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ރައީސް ސޯލިހު، މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމެވި ކަމަށް ރައީސް އިއުލާން ކުރެއްވެވި އެވެ.

ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ލިބިފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަން އޮފް އިންކުޔަރީއެއް ހަދަން ނިންމައިފައިވާ ކަން ވެސް ރައީސް އިއުލާންކުރެއްވެވި އެވެ.