ކޮވިޑް-19 ގެ ކޭސްތައް ގިނަވަމުންދާތީ މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތަކާއި ވެހިކަލްތައް އިންސްޕެކްޓް ކުރަން ފުލުހުން ފަށައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ރައްކާތެރި މިންގަނޑާ އެއްގޮތަށް ޓެކްސީ ތަކުން އަމަލުކުރާތޯ ފުލުހުން މިއަދުން ފެށިގެން ބަލާނެ އެވެ. އަދި ވަކިން ހާއްސަކޮށް އެއާޕޯޓަށް ދަތުރުކުރާ ޓެކްސީތައް ނުވަތަ ވެހިކަލްތައް ޗެކްކުރާނެ އެވެ.
ފުލުހުން ބުނީ އެއާޕޯޓަށް ދިއުމަށް ހުއްދަ ދޭނީ ހަމައެކަނި އެ މިންގަނޑުތަކަށް ފެތޭ ޓެކްސީތަކަށް އެކަނި ކަމަށެވެ.
ފުލުހުން ބުނީ މާލެ އާއި ހުޅުމާލޭގެ ޓެކްސީ އާއި ވެހިކަލްތައް ވެސް ޗެކް ކުރަމުންދާނެ ކަމަށެވެ.
އެޗްޕީއޭއިން ޓެކްސީތަކަށް ހާއްސަ ކޮށްގެން ނެރެފައިވާ ގައިޑްލައިންގައި ވާގޮތުން ޕަސިންޖަރުންގެ ސީޓާއި، ޑްރައިވަރުގެ ސީޓާ ދެމެދު ޕާޓިޝަނެއް ޖަހައި ވަކި ކޮށްފައި ހުންނަން ޖެހެ އެވެ. އަދި ޓެކްސީގެ ކުރީ ސީޓުގައި އެއްވެސް ފަސިންޖަރަކު އިނުމަކީ މަނާ ކަމެކެވެ. ޑްރައިވަރުގެ އިތުރުން ފަސިންޖަރުން ވެސް ތިބެން ވާނީ މާސްކު އަޅައިގެންނެވެ.
ދަތުރުގައި ޓެކްސީގެ ފަހަތުގެ ކުޑަދޮރުތައް ހުންނަން ވާނީ ބިއްލޫރިގަނޑު ތިރިއަށް ކަހާލައިފަ އެވެ.
ބައެއް ޓެކްސީތަކުން ގައިޑްލައިނާ އެއްގޮތަށް އަމަލުނުކުރާ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.