އީރާނާއި އެމެރިކާއާ ދެމެދު އޮމާންގައި ކުރިއަށްދިޔަ ނުސީދާ މަޝްވަރާތައް ނިމުނުތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، އީރާނުގެ ތެޔޮ ބޭރުކުރުން ހުއްޓުވުމަށް އެމެރިކާ އިން އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ކަން ހުކުރު ދުވަހު އިއުލާނުކޮށްފި އެވެ.

އެމެރިކާއިން އެޅި މި ފިޔަވަޅުތަކުގެ ދަށުން އީރާނުގެ ތެޔޮ އުފުލުމުގައި ބޭނުންކުރާ 14 އުޅަނދަކާއެކު އެއްވެސް މުއާމަލާތެއް ކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވީ އީރާނުން ތެލުގެ އާމްދަނީ ބޭނުންކުރަނީ "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަޖެހުން ނަގާލުމަށާއި އީރާނުގެ އެތެރޭގައި ހިންގާ އަނިޔާވެރި އަމަލުތައް އިތުރުކުރުމަށް" ކަމަށެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ "މެކްސިމަމް ޕްރެޝާ" ކެމްޕޭނުގެ ދަށުން، އީރާނުގެ ޣައިރު ގާނޫނީ ތެލާއި ޕެޓްރޯ ކެމިކަލް އެކްސްޕޯޓް ދަށްކުރުމަށް ރައީސް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޕިގޮޓް ވިދާޅުވި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނިގޮތުގައި، އީރާނުގެ ތެޔޮ އުފުލާ ކަމަށް ބެލެވޭ ތުރުކީ، އިންޑިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދިދަ ޖަހާފައިވާ 14 އުޅަނދަކާ އެކު އެއްވެސް މުއާމަލާތެއް ކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން 15 ކުންފުންޏަކާއި ދެ ފަރުދެއްގެ މައްޗަށް ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުން ފެށިގެން، އެމެރިކާއިން ދަނީ އެހެން ހުރިހާ ގައުމުތަކަކުން އީރާނުގެ ތެޔޮ ގަތުން ހުއްޓުވުމަށް ބާރު އަޅަމުންނެވެ. މި އާ ފިޔަވަޅުތައް އަޅާފައި މިވަނީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބުންނާ ދެމެދު އޮމާންގައި ބޭއްވި މަޝްވަރާތަކުގައި "އުންމީދީ މާހައުލެއް" އޮތް ކަމަށް އީރާނުން ބުނެފައި ވަނިކޮށެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު އީރާނުގައި ހިންގި އެންމެ ބޮޑު މުޒާހަރާތައް އެގައުމުގެ ސަރުކާރުން ހަރުކަށިކަމާއެކު ހުއްޓުވާފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް ޓްރަމްޕް މީގެ ކުރިން ވަނީ އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދެއްވައި، އީރާނުގެ އައްސޭރި ފަށުގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަ ކުރައްވާފަ އެވެ.