ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، އެކަންކަން އިސްލާހުކުރުމަށް އދ. ގެ ކުޑަކުދިންގެ ހައްގުތަކާބެހޭ ކޮމިޓީ (ސީއާރްސީ) އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޓީން މިކަމަށް ގޮވާލާފައިވަނީ، އެ ކޮމިޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި ރާއްޖެ ހިމެނޭހެން ހަތް ގައުމެއްގެ ކުޑަކުދިންގެ ހައްގުތަކުގެ ހާލަތު މުރާޖައާކުރުމަށްފަހު މި މަހުގެ ފަސްވަނަ ދުވަހު ނެރުނު ރިޕޯޓުގަ އެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތައް، އޭގެ ތެރޭގައި ގެވެށި އަނިޔާއާއި، ޖިންސީ އަދި މިންތީގެ ތަފާތުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ އަނިޔާއާއި، ކުދިންނަށް ކުރާ ގޯނާގެ އިތުރުން އިހުމާލުވުން ފަދަ ކަންކަން މުޖުތަމައުގައި އާންމުވެފައިވާ މިންވަރާ މެދު ކޮމިޓީން ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީގެ އިތުރުން، މިފަދަ ކަންކަން ހުއްޓުވުމަށާއި، ވަގުތުން ރިޕޯޓުކުރުމަށާއި، އެކަށީގެންވާ ފިޔަވަޅު އެޅުމަށް ހުރަސްއަޅާ އިޖުތިމާއީ ސަބަބުތަކާއި، މުޖުތަމައުން ބާކީވެދާނެތީ އޮންނަ ބިރުވެރިކަމާއި، ސަގާފީ ގޮތުން ހުރި ނޭދެވޭ އާދަކާދަތަކާ މެދުވެސް ކޮމިޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށާއި އެކަމަށް ފިޔަވަޅު އެޅުމަށް އެކުލަވާލާފައިވާ ގައުމީ އެކްޝަން ޕްލޭން ފުރިހަމައަށް ތަންފީޒުކުރުމަށް ކޮމިޓީން ވަނީ ސަރުކާރަށް ބާރުއަޅާފައި އެވެ. އަދި ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާކުރުމަށް އިސްކަންދިނުމަށާއި، އަނިޔާ ހުއްޓުވުމަށާއި އެކަމަށް ފިޔަވަޅު އެޅުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އިޖުތިމާއީ މަސައްކަތްތެރިންގެ ގާބިލުކަން އިތުރުކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން، މައްސަލަތައް ރިޕޯޓުކުރުމަށް ހިތްވަރުދިނުމާއި، ރަށު ފެންވަރުގެ އިސްވެރިންނާއި، ދީނީ އިލްމުވެރިންނާއި، މީޑިއާގެ ބައިވެރިވުމާއެކު މުޖުތަމައުގައި ހުރި ނޭދެވޭ ތަސައްވުރުތަކާއި ސަގާފީ ހުރަސްތައް ނައްތާލުމަށް ފިޔަވަޅު އެޅުމަށްވެސް ކޮމިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ ކުޑަކުދިންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް އިތުރުވަމުންދާތީއާއި، ސިއްހީ ހިދުމަތްތައް ހޯދުމުގައި ހުރި ހުރަސްތަކާ މެދުވެސް ކޮމިޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ނަފްސާނީ ސިއްހަތުގެ ބިލު ފާސްކޮށް، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ސްޓްރެޓެޖީއެއް އެކުލަވައިލުމަށް ލަފާދީފައި ވެއެވެ.
އދ އިން މި ރިޕޯޓު ނެރެފައިވަނީ ރާއްޖޭގެ އިތުރުން ކޮލަމްބިއާ، އިތިއޯޕިއާ، ގާނާ، މެލޭޝިއާ، ޕާކިސްތާން އަދި ސްޕެއިންގެ ހާލަތު ބެލުމަށްފަހުގަ އެވެ.
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ އަދިވެސް ދަނީ އިތުރުވަމުން
ރަޝިޔާގެ ސަސްޕެންޝަން އުވާލަން އިންފަންޓީނޯ ތާއީދު ކުރައްވައިފި