ނުރައްކާތެރި ނިޕާ ވައިރަސް ޖެހިގެން ބަންގްލަދޭޝްގައި މީހަކު މަރުވެފައިވާ ކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަށަވަރުކޮށްދީފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މި ބަލި ޖެހިގެން މަރުވެފައިވަނީ އުމުރުން 40 އާއި 50 އަހަރާ ދެމެދުގެ އަންހެނެއްކަމަށެވެ. ނައުގާއޮން ޑިސްޓްރިކްޓަށް ނިސްބަތްވާ މި އަންހެން މީހާގެ ކިބައިން ހުމާއި ނާރުގެ ބަލިތަކުގެ އަލާމާތްތައް ފެންނަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ހެދި ޓެސްޓުތަކުން ބަލި ޖެހިފައިވާކަން ކަށަވަރުވީ ޖެނުއަރީ 29 ގައި ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

މި ބަލި ޖެހުނު އަންހެން މީހާއަކީ ގައުމުން ބޭރަށް ދަތުރުފަތުރުކޮށްފައިވާ މީހަކަށް ނުވާއިރު، ބަލި ޖެހުމުގެ ކުރިން އޭނާ ރޯ ކަދުރުން ތައްޔާރު ކޮށްފައިވާ ބުއިމެއް ބޮއެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބަންގްލަދޭޝްގައި އާންމުކޮށް މި ބަލި ފެތުރެނީ ވާލުގެ ޒަރީއާއިން ކަދުރު ތަޣައްޔަރުވެގެން ކަމަށް ސިއްހީ މާހިރުން މީގެކުރިން ބުނެފައި ވެއެވެ.

މި ބަލި ބަންގުލަދޭޝްގައި ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ހާމަކޮށްފަ އެވެ.

ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި މިހާރު ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. މިގޮތުން ބަލިޖެހުނު މީހާއާ ކޮންޓެކްޓްވި 35 މީހަކު ޓެސްޓުކޮށްފައިވާއިރު އެއްވެސް މީހެއްގެ ހަށިގަނޑުން ވައިރަސް ފެނިފައި ނުވެއެވެ.

މިދިޔަ ޖެނުއަރީ މަހު އަވަށްޓެރި އިންޑިއާގައިވެސް ނިޕާ ވައިރަސްގެ ކޭސްތަކެއް ވަނީ ފެނިފަ އެވެ. އެގޮތުން، އިންޑިއާގައި ނިޕާ ވައިރަސް ޖެހުނީ ވެސްޓް ބެންގާލްގެ ދެ މީހަކަށެވެ. އަދި އަވަހަށް އެޅި ފިޔަވަޅުތަކާ އެކު ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން އޭރު ވަނީ ބުނެފި އެވެ.

ޖަނަވާރުންގެ ގައިން އިންސާނުންނަށް އަރާ މި ވައިރަހަށް މިހާތަނަށް ވެކްސިނެއް ނެތެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި މި ވައިރަސް ޖެހޭ މީހުންގެ ތެރެއިން 40-75 މީހުން މަރުވެ އެވެ.

ނިޕާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ނޭވާލާން އުނދަގޫވުން އަދި ނޭވާލާ ނިޒާމުގެ އެކި އިންފެކްޝަންތައް ޖެހުން ހިމެނެ އެވެ. ބޮޑުވަރުވާ މީހުންނަށް ފިޓް ޖެހުމާއި ސިކުނޑި ދުޅަވުމާއި ކޯމާއަށް ދިއުމުގެ ނުރައްކާ ވެސް އޮވެ އެވެ.