ލާމަރުކަޒީ ނިޒާމަކީ ޕީއެންސީއާ އެއްވެސް ގުޅުމެއް އޮތް ނިޒާމެއް ނޫން ކަމަށާއި ޕީއެންސީގެ ކައުންސިލަރުން އިންތިހާބުވެއްޖެނަމަ ކައުންސިލްތައް ހިންގާނީ ރައީސް މުހައްމަދު މުއިއްޒު އަންގާހާ ގޮތަކަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ށ. ފޯކައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގޭނީ އެކަން ދަންނަ ބަޔަކު ކައުންސިލްތަކަށް އިންތިހާބުކޮށްގެން ކަމަށެވެ.

"މިކަން ކުރެވޭނީ ސިޔާސަތު ދަންނަ ސަރުކާރެއް ގެނެސްގެން. އެއީ އެމްޑީޕީ. މި ނިޒާމަކީ ޕީއެންސީއާއި އެއްވެސް ގުޅުމެއް އޮތް ނިޒާމެއް ނޫން. ޕީއެންސީ ހޯދައިފި ނަމަ ރަށުގެ ހާލަތު ބަދަލުވެގެންދާނެ ގޮތް މަޑުމަޑުން ފެންނަމުންދޭ. އެބޭފުޅުންނަށް ކުރެވޭނީ މުއިއްޒު ވިދާޅުވާ ކަންކަން،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ ޕީއެންސީގެ ސިޔާސަތަކީ ތަރައްގީ މާލެ ސަރަހައްދަށް ޖަމާކުރުން ކަމަށެވެ. ނަމަވެސް މިއީ އެމްޑީޕީގެ ވިސްނުން ނޫން ކަމަށާއި، އެ ޕާޓީން އަބަދު ވެސް ބޭނުންވީ ޒަމާނުއްސުރެން މާލެ ސަރަހައްދަށް ޖަމާވެފައި އޮތް އިގުތިސޯދު ބަދަލުކޮށް، ރަށްތައް ތަރައްގީކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރަށް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭ ކަމަށާއި މި ސަރުކާރުން އެޅި ބިންގާތައް މިހާރު ގެއްލިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.