މޯލްޑިވިއަން ބްލަޑް ސާވިސަސްގައި، ތެލަސީމިއާގެ ބާވަތްތައް ދެނެގަތުމަށް ތަހުލީލު ހަދާ ޑީއެންއޭ ލެބޯރެޓަރީ ރަސްމީކޮށް ހުޅުވައިފި އެވެ.
މި ލެބޯޓަރީ ހުޅުވައިދެއްވީ މިއަދު މިކަމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. މިއީ ސަރުކާރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަނެއްގައި މިފަދަ ޚިދުމަތެއް ފެށި ފުރަތަމަ ފަހަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި ލެބުގެ ސަބަބުން އާއިލީ ގޮތުން ވާރުތަކުރާ ލޭގެ މިއުޓޭޝަންސްގެ މުހިންމު ބާވަތްތައް ރާއްޖޭގައި ތަހްލީލު ކުރެވި ނަތީޖާ ލިބޭނެ ކަމަށެވެ. މިގޮތުން ޖުމްލަ 27 ބާވަތެއްގެ މިއުޓޭޝަންސް މި ލެބޯޓަރީ މެދުވެރިކޮށް ދެނެގަނެވޭނެއެވެ.
ޙަލީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ލެބޯޓަރީގައި ބޭނުންކުރާ ކިޓްތައް ފަރުމާކޮށްފައި ވަނީ ދިވެހީންގެ މިންގަނޑުތަކަށް ރިއާޔަތްކޮށްގެންނެވެ.
"މިއީ، ލޭގެ ފަރުވާ ހޯދާ ފަރާތްތަކަށް ނުހަނު މުހިންމު ތަހުލީލުތަކެއް. ރާއްޖޭގައި ފެންނަ ލޭގެ ބަލީގެ ބާވަތްތަކަށް ބަލައި މިކަމަށް ޚާއްސަ ކުރެވިފައިވާ ކިޓްތަކެއް ފަރުމާ ކުރެވިފައި ވަނީ ދިވެހީންނަށް ޚާއްސަ މިންގަނޑުތަކަކަށް ރިއާޔަތް ކުރެވިގެން،" އޭނާ ވިދާޅުވި އެވެ.
މި ޚިދުމަތުގެ ސަބަބުން ޅައުމުރުގައިއާއި ކައިވެނިކުރުމުގެ ކުރީން ތެލަސީމިއާ ވާރުތަކުރާ ގޮތް ހުންނަ ފަރާތްތައް ދެނެގަނެވޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ތެލަސީމިއާގެ ނިސްބަތް ކޮންޓްރޯލް ކުރުމަށާއި ތެލަސީމިއާ ޕްރީނޭޓަލް ޑައިގްނޯސިސްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި ލެބޯޓްރީ ގާއިމް ކުރުމަށް ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މީގެ ކުރިން ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދެމުން ދިޔައީ ހަމައެކަނި 'ޝީ' އިންނެވެ.
މި އާ ލެބޯޓަރީއާއެކު، މީގެ ކުރިން ހަދަމުން އައި ތަހުލީލުތަކުން ދެނެނުގަނެވޭ މުހިންމު މިއުޓޭޝަންސްތައް ދެނެގަތުމުގެ ގާބިލުކަން މިހާރު ވަނީ ލިބިފައެވެ.
އިސްޓާކީނާއެކު ނިދުމަކީ ކޮންކަހަލަ ކަމެއް؟
އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް މަޖިލީހުން ހަދައިފި
ނެޓްފްލިކްސްގެ އާ ސީރީޒްގައި ސައިފްގެ ތަފާތު ފެނިލުމެއް!