އީރާނުގެ އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، މިދިޔަ މަހު އެގައުމުގައި ކުރިއަށްދިޔަ ނުރައްކާތެރި މުޒާހަރާތަކާ ގުޅިގެން އަމިއްލަ ފަރާތްތަކުން ހިންގާ ގިނަ އަދަދެއްގެ ވިޔަފާރިތައް އެގައުމުގެ ސަރުކާރުން ބަންދުކޮށްފި އެވެ.
ވެރިރަށް ތެހެރާނުގެ މެދުތެރެއާއި އުތުރު ސަރަހައްދުތަކުގައި ޒުވާނުންގެ މެދުގައި މަގުބޫލު ކެފޭތަކާއި ރެސްޓޯރެންޓްތައް ހިމެނޭހެން ގިނަ ތަންތަނެއް ވަނީ ބަންދުކޮށްފަ އެވެ.
ފުލުހުންނާއި ޝަރުއީ ދާއިރާއިން މިކަމާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތެއް ދީފައި ނުވި ނަމަވެސް، ބަންދު ކުރި ގިނަ ވިޔަފާރި ތަކަކީ ޑިސެމްބަރު މަހު ފެށުނު މުޒާހަރާތަކަށް ތާއީދުކޮށް ހަޅުތާލުކޮށްފައިވާ ނުވަތަ ސޯޝަލް މީޑިއާގައި މުޒާހަރާތަކަށް ތާއީދުކޮށް ޝުއޫރު ފާޅުކޮށްފައިވާ ތަންތަނެވެ. މީގެ ތެރޭގައި ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، އާޓް ގެލެރީތަކުގެ އިތުރުން އައިސްކްރީމް ވިއްކާ ފިހާރަތައް ވެސް ހިމެނެ އެވެ.
އީރާނުގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ، އުމުރުން 81 އަހަރުގެ މުހައްމަދު އަލީ ސައީދީނިއާ ހައްޔަރުކޮށް، އޭނާގެ ހުރިހާ ވިޔަފާރިތަކެއް ބަންދުކޮށް މުދާ ވަނީ ދައުލަތަށް ހިފަހައްޓާފަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މުޒާހަރާތަކުގެ ތެރޭގައި ލިބުނު ގެއްލުންތަކުގެ ޒިންމާ އުފުލުމަށެވެ.
ފާރްސް ނިއުސް އެޖެންސީން އާންމުކުރި އޭނާގެ އިއުތިރާފު ސިޓީއެއްގައި ބުނެފައިވަނީ، މުޒާހަރާތަކާ ގުޅިގެން ފިހާރަތައް ބަންދުކުރެވުނީ އޮޅުމަކުން ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށެވެ.
އީރާނު ސަރުކާރުން ބުނާ ގޮތުގައި މި ހަމަނުޖެހުންތަކުގައި 3،117 މީހުން މަރުވެފައިވެ އެވެ. ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި މިއީ އެމެރިކާއާއި އިސްރާއީލުން ފަންޑުކޮށްގެން ހިންގާފައިވާ "ޓެރަރިސްޓް" ހަރަކާތްތަކެކެވެ. ނަމަވެސް، އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އީރާނު ސަރުކާރުން ނުރައްކާތެރި ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ.
އިންސާނީ ހައްގުތަކުގެ ކަންބޮޑުވުން ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަރުވި މީހުންގެ އަދަދު 6،964 އަށް އަރަ އެވެ. އަދި އދ. ގެ ހާއްސަ ރެޕަޓުއާ މައި ސާޓޯ ވިދާޅުވި ގޮތުގައި، އިންޓަނެޓް ފިލްޓަރު ކުރުމުގެ ސަބަބުން ސައްހަ މައުލޫމާތު ލިބުން ދަތިވެފައިވީ ނަމަވެސް، މަރުވި މީހުންގެ އަދަދު 20،000 އަށް ވުރެ މަތިވުން އެކަށީގެންވެ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ބަންދުކުރި ވިޔަފާރިތަކުގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ބުނެފައިވަނީ، އެތަންތަން ބަންދުކުރީ "ގައުމުގެ ގަވާއިދުތަކާ ހިލާފުވެ، ފުލުހުންގެ އުސޫލުތަކަށް އަމަލުނުކުރުމުގެ ސަބަބުން" ކަމަށެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ރޮނާލްޑޯ އަލުން އެނބުރި އަލް ނަސްރު ޓީމާ ގުޅިއްޖެ