ހިޔުމަން ޓްރެފިކިން ކުރާ ވިޔަފާރިން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ހިޔުމަން ޓްރެފިކިން ހުއްޓުވުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ގެނެސްފައިވާ އިސްލާހުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ މިމަހުގެ 14 ވީ ބުދަ ދުވަހުގެ ޖަލްސާގަ އެވެ.

ރައީސް ސޯލިހު ތަސްދީގުކުރެއްވި، ބިލުގައި ހިޔުމަން ޓްރެފިކިން ކަމުގައި ބެލެވޭ ކަންކަން ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި ކުޑަކުދިން ޓްރެފިކްކުރުން ކަމަށް ބެލެވޭނެ ކަންކަން ވެސް ވަނީ ތަފްސީލުކޮށްފަ އެވެ.

އެގޮތުން ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭ ބައެއް އަމަލުތަކުގެ ތެރޭގައި ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ ބޭނުމުގައި ކުޑަކުއްޖަކު ބޭރު ގައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވުން ނުވަތަ ބަދަލުކުރުން ހިމެނެ އެވެ. މީގެ އިިތުރުން ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ ބޭނުމުގައި ކުޑަކުއްޖަކު ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމާއި، ކުއްޖަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުން ވެސް ހިމެނެނީ ކުޑަކުދިން ޓްރެފިކްކުރުމުގެ ތެރޭގައި ކަމަށް މިއަދު ރައީސް ސޯލިހު ތަސްދީގުކުރައްވި ބިލުގައި ވަނީ ބުނެފަ އެވެ.

އެ ބިލުގައިވާ ގޮތުން މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ޓްރެފިކްކުރަން އަމުރުކުރުމަކީ ކުށެކެވެ. އަދި ޓްރެފިކްކުރާ ފަރާތެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ބަދަލުކުރުމަކީ ވެސް ކުށެކެވެ. ހަމަ އެއާއެކު، އެ ގާނޫނަށް ގެންނެވި އިސްލާހުގައި ބަޔާންކުރާގޮތުން އެ ގާނޫނު ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ކަމަށެވެ.