ބުރާސްފަތި ދުވަހު ބަންގްލަދޭޝްގައި ބޭއްވި ޕާލިމެންޓަރީ އިންތިހާބު، މިދިޔަ ޑިސެމްބަރު މަހު އަވަހާރަވި ޚާލިދާ ޒިޔާގެ ޕާޓީ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބުކޮށްފި އެވެ.

2024 އަހަރު އޮގަސްޓް މަހު އެ ގައުމުގެ ޒުވާނުން ކުރި މުޒާހަރާތަކާއި ގުޅިގެން އޭރުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު ބޭއްވި ފުރަތަމަ އިންތިހާބު ބީއެންޕީން ވަނީ ބޮޑު ތަފާތަކުން ކާމިޔާކޮށްފަ އެވެ.

300 ގޮނޑިއަށް 2000 އާއި ކައިރި ކުރާ އަދަދަކަށް ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، ބީއެންޕީން ވަނީ 209 ގޮނޑި ކާމިޔާބުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ވާދަވެރި ޖަމާޢަތު އިސްލާމީއަށް 68 ގޮނޑި ލިބިފައިވާއިރު، ހަސީނާގެ ވެރިކަން ވައްޓާލަން ނުކުތް ޒުވާނުންގެ ނޭޝަނަލް ސިޓިޒެން ޕާޓީ (އެންސީޕީ) ޕާޓީން 30 ގޮނޑިއަށް ވާދަކޮށް ލިބުނީ 5 ގޮނޑި އެވެ.

މީގެ އިތުރުން ކުދި ޕާޓީތަކާއި އަމިއްލަ ކެނޑިޑޭޓުން ވަނީ 18 ވަރަކަށް ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ބީއެންޕީގެ ލީޑަރު ހާލިދާގެ ދަރިކަލުން ތާރިގް ރަހްމާން ވާދަކުރި ދާއިރާގެ ގޮނޑި ވެސް އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ. އެހެން ކަމުން އޭނާ ވެގެން ދާނީ އެގައުމުގެ އާ ބޮޑުވަޒީރު ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

ކާމިޔާބީއާއެކު ބީއެންޕީން ނެރުނު ބަޔާނެއްގައި ވަނީ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ. ނަމަވެސް ކާމިޔާބީއާ ގުޅިގެން އުފާ ފާޅުކުރުމަށް މަގުމަތީގައި ހިނގާލުންތަކާއި ރަސްމިއްޔާތުތައް ނުބާނާވެ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ. އަދި ތާއީދުކުރާ ފަރާތްތަކުންވެސް މިސްކިތްތަކާއި، ފައްޅި އަދި ޗާޗްތަކަށް ގޮސް ދުއާ ކުރުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން އެ ޕާޓީން ވަނީ މިއަދުގެ ހުކުރު ނަމާދުގައި ހާއްސަ ދުއާއެއް ކުރުމަށް ނިންމާފަ އެވެ.

މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރި ނަމަވެސް، މިއީ ފާއިތުވި ގިނަ އަހަރުތަކެއްގެ ތެރޭގައި ބަންގްލަދޭޝްގައި ބޭއްވުނު ހަގީގީ މާނައިގައި އެންމެ ވާދަވެރި އިންތިހާބުގެ ގޮތުގައި ބެލެވެއެވެ. މަގާމުން ދުރުކުރެވުމާ ހަމައަށް 15 އަހަރަށްވުރެ ގިނަ ދުވަހު އެ ގައުމުގައި ވެރިކަން ކުރި ހަސީނާގެ އަވާމީ ލީގް ޕާޓީއަށް މި އިންތިހާބުގައި ވާދަކުރުން އޮތީ މަނާކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތް، 2024 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ރެކޯޑު ކުރެވުނު 42 އިންސައްތައަށްވުރެ މަތިވާނެ ކަމަށް ބެލެވެއެވެ. އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 60 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލިކަމަށް ބެލެވެއެވެ.

މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ގިނަ ކެންޑިޑޭޓުންނާއެކު ޖުމްލަ 2،000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރިއެވެ. އަދި މަދުވެގެން 50 ސިޔާސީ ޕާޓީއަކުން މި އިންތިހާބުގައި ބައިވެރިވެފައިވާއިރު، މިއީ އެ ގައުމުގެ ގައުމީ ރެކޯޑެކެވެ. ކެންޑިޑޭޓަކު ނިޔާވުމާ ގުޅިގެން އެއް ދާއިރާއެއްގެ ވޯޓުލުން ވަނީ ފަސްކޮށްފަ އެވެ.

އިންތިހާބާ އެކުއެކީގައި، ގާނޫނު އަސާސީއަށް ގެންނަން ހުށަހެޅި އިސްލާހުތަކަކަށް ފެންނަނުފެންނަ ވޯޓެއްވެސް ވަނީ ނަގާފަ އެވެ. އޭގެ ތެރޭގައި އިންތިހާބީ ދުވަސްވަރު މިނިވަން ވަގުތީ ސަރުކާރެއް ގާއިމުކުރުމާއި، ގާނޫނު ހަދާ މަޖިލިސް ދެ މަޖިލިސް އެކުލެވޭ ގޮތަށް ބަދަލުކުރުމާއި، އަންހެނުންގެ ތަމްސީލުވުން އިތުރުކުރުމާއި، އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ވަރުގަދަކުރުމުގެ އިތުރުން ބޮޑުވަޒީރުކަން ކުރެވޭނީ ގިނަވެގެން ދެ ދައުރުގައި ކަމަށް ކަނޑައެޅުން ހިމެނެ އެވެ.

މި ވޯޓްތަކުގެ ނަތީޖާ އަދި ހާމަކޮށްފައިނު ވެއެވެ.